20 Mar 2021, 19:21
ރ. އުނގޫފާރުގައި އުޅުމަށްފަހު މި މަހުގެ ދެވަނަ ދުވަހުގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތައް އަންގައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެދިއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އެ ތާރީހުގެ ފަހުން އުނގޫފާރުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން މިހާރު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށެވެ.
އެ ތާރީހުގެ ފަހުން އުނގޫފާރަށް ދިއުމަށްފަހު އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލުން ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މާޗު ދެވަނަ ދުވަހުގެ ފަހުން އުނގޫފާރުން މާލެ އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން އިރުޝާދު ދެ އެވެ.
ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި އުނގޫފާރަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
އުނގޫފާރުން އިއްޔެ ކޮވިޑް19ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށްޓަކައި އެރަށް މޮނީޓަރިންގެ ހާލަތަށް ވަނީ ގެނެސްފަ އެވެ.