20 Mar 2021, 15:53
އިސްލާމްއާބާދު (މާޗް 20): ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ފައިސަލް ސުލްތާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސުލްތާން މިއަދު ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އިއްޔެ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވި ޚާން ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން މިހާރު އޭނާ ހުންނެވީ ގޭގައި އަމިއްލައަށް އެކަހެރިވެވަޑައިގެންނެވެ.
އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރޮޓެކްޝަން (ސީޑީސީ)ން ބުނާ ގޮތުގައި ވެކްސިން ޖެހުމަށް ފަހު، ހަށިގަނޑުގައި ބަލިން ދިފާއުވުމުގެ ބާރު އުފެދުމަށް އާއްމު ގޮތެއްގައި ދެ ހަފްތާ ނަގާނެ އެވެ. ވީމާ ވެކްސިން ޖެހި ނަމަވެސް، ދިފާއީ ބާރު އުފެދެން ނަގާ ދުވަސްކޮޅުގައި މީހާއަށް ބަލި ޖެހުމަކީ ވެދާނެ ކަމެކެވެ.
ޗައިނާގެ ސައިނޯފާމްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޖަހަން ޕާކިސްތާނުން ފެށީ މިދިޔަ މަހު އެވެ. އެގޮތުން ފުރަތަމަ އެ ވެކްސިން ދިނީ ސިއްހީ ދާއިރާގައި ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އަދި 60 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުން މި މަހު ވަނީ ފަަށާފަ އެވެ.
ޕާކިސްތާނުގައި މިހާތަނަށް 623،135 މީހުންނަށް ކޮވިޑް-19 ޖެހި، ބަލީގައި 13،799 މީހަކު ވަނީ މަރުވެފަ އެވެ.