05 Feb 2012, 09:44
އދ. މަޖިލިސް (ފެބްރުއަރީ 5) : ހުޅަނގުގެ ޤައުމުތަކުން ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިހުން ފާސްކުރަން މަސައްކަތްކުރި ޤަރާރު، ރަޝިޔާއާއި ޗައިނާއިން ވީޓޯ ކުރުމުން ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އެދެޤައުމަށް ރައްދުވެއްޖެވެ.
ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިހުން ފާސްކުރަން ހުޅަނގުން މަސައްކަތްކުރި ޤަރާރު ގޮވާލަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ވެރިކަން ނިމުމަކަށް ގެނަސް ނައިބު ރައީސް ފާރޫޤް އައްޝަރްޢު އާ ވެރިކަން ޙަވާލުކުރުމަށެވެ. މިއީ، ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގާ މީހުން މެރުމުގެ ޖަރީމާތައް ހުއްޓުވުމަށް ޓަކައި މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ބުނެއެވެ. މިޤަރާރުގެ ދެލިކޮޕީ ބިނާކޮށްފައިވަނީ ސޫރިޔާއާމެދު އަރަބި ލީގުން ގެންގުޅޭ ޕްލޭނާ އެއްގޮތަށް ކަމަށްވެސް ހުޅަނގުގެ ބާރުތަކުން ބުނެއެވެ.
މިޤަރާރު ވީޓޯ ކުރަމުން ރަޝިޔާއާއި ޗައިނާ ބުނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކާމެދު ހަމްދަރްދީ ވާކަމަށް ހުޅަނގުން ދައްކަނީ އިޚްލާސްތެރިކަމާއެކު ނޫންކަމަށާއި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުގެ ބޭނުމަކީ ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުން ކަމުގައެވެ. ބައްޝާރުލްއަސަދްގެ ސަރުކާރުން މީހުން މަރާތީ އެމެރިކާފަދަ ޤައުމުތައް އިޚްލާސްތެރިކަމާއެކު ހަމްދަރްދީ ވާނެކަމަށް ޤަބޫލުނުކުރާ ކަމަށްވެސް އދ. ގައި ތިއްބަވާ ޗައިނާއާއި ރަޝިޔާގެ މަންދޫބުން ވިދާޅުވެފައިވެއެވެ.
ރަޝިޔާގެ ދާއިމީ މަންދޫބު ވިތާލީ ޗޯރކިން އާއި ޗައިނާގެ މަންދޫބު ލީބާވް ދޮންގ ވިދާޅުވީ ހުޅަނގުގެ ޤަރާރާ ދެކޮޅަށް ވީޓޯ ކުރަންޖެހުނީ އެއީ ސުރިޔާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ބޭރުގެ ބާރުތައް ވަނުމަށް މަގުފަހިކޮށްދޭ ޤަރާރަކަށް ވެފައި އެޤަރާރު ފާސްވެއްޖެނަމަ ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމުގެ މަގު ބަންދުވާނެކަމަށް ދެކޭތީ ކަމުގައެވެ. ވީޓޯ ކުރުމުގެ ސަބަބުން ރުޅިގަދަވެފައިވާ އެމެރިކާގެ މަންދޫބާ ސޫޒާން ރައިސް ވިދާޅުވީ ޗައިނާއާއި ރަޝިޔާ އެދެޤައުމުގެ ބާރު އދ. ގައާއި މުޅިދުނިޔޭގައި ދައްކަމުން ގެންދާކަމަށާއި އެދެޤައުމުވެގެން އދ. މަޖިލިސް ޙިސާރު ކޮށްފައިވާ ކަމުގައެވެ.
އެމެރިކާއަކީ ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާދެކޮޅަށް ސަލާމަތީ މަޖިލީހުން ފާސްކުރާ ޤަރާރުތައް ވީޓޯކޮށް އިސްރާއީލުގެ އަނިޔާވެރިކަމަށް ހިއްވަރުދީ ހަމައެކަނި އެމެރިކާ ބޭނުންވާ ޤަރަރުތަކެއް ސަލާމަތީ މަޖިލިސް ފާސްކުރުމުގެ ވިސްނުން ގެންގުޅޭ ޤައުމެއް ކަމަށާއި މިކަން މިހާރު ބަދަލުވެ އެމެރިކާގެ ބާރު ބައިނަލްއަޤްވާމީ މަހްފަލްތަކުގައި ކުޑަވަމުންދާ ކަމަށް ރަޝިޔާގެ މީޑިޔާ ބުނެއެވެ. -- އަލްޖަޒީރާ