ލަންޑަން (މާޗް 20): ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކޮވިޑް-19 ވެކްސިން އުފެއްދުމަށް އެހީވާން ކުރާ މަސައްކަތްތަކަށް މުއްސަނދި ގައުމުތަކުން ހުރަސް އަޅާކަން އަންގައިދޭ ލިޔެކިޔުންތަކެއް ލީކުވެފައިވާ ކަމަށް ބީބީސީން ރިޕޯޓުކޮށްފި އެވެ.

ބީބީސީ ނިއުސްނައިޓް ޝޯއިން ބުނި ގޮތުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކޮވިޑް ވެކްސިން އުފެއްދުމަށް އެހީވާން އެގައުމުތަކުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގައި އެދިފަ އެވެ. ނަމަވެސް އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަށް މުއްސަނދި ގައުމުތަކުން ހުރަސް އަޅާކަން އެނގިފައި ވަނީ އެކަމާ ގުޅުން ހުރި ޑަބްލިޔުއެޗްއޯގެ ގަރާރެއްގެ ލިޔެކިޔުންތައް ލީކުވުމުންނެވެ.

އިންޓަނޭޝަނަލް މެޑިކަލް އެކްޓިވިސްޓެއް ކަމަށްވާ އެލެން ޓީހުއެން ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާރު ވެކްސިން އުފެއްދުމުގެ ކެޕޭސިޓީއަކީ ދުނިޔެއަށް ބޭނުންވާ ވަރުގެ ތިންބައިކުޅަ އެއްބަޔެވެ. އެހެންކަމުން ވެކްސިން އުފައްދާ މިންވަރު އިތުރު ކުރުމަށްޓަކައި ތަރައްގީ ވަމުން އަންނަ ގައުމުތަކުން ވަނީ އެގައުމުތަކުގައި ވެކްސިން ތައްޔާރު ކުރަން ފުރުސަތު ދިނުމަށް އެދިފަ އެވެ.

"[ގިނަ] ވެކްސިނަކީ މުއްސަނދި ގައުމުތަކުން އުފައްދާ، އެގައުމުތަކުގައި ބަހައްޓާ ވެކްސިން. ތަރައްގީވަމުން އަންނަ ގައުމުތަކުން ބުނަނީ ވެކްސިންގެ އިތުރުން، ވެކްސިން އުފެއްދުމުގެ ހައްގުވެސް ދިނުމަށް،" ޓީހުއެން ވިދާޅުވި އެވެ.

ވަކި ކުންފުންޏަކުން އުފައްދާ ވެކްސިނެއް އެހެން ބަޔަކު ތައްޔާރު ކުރުމަށްޓަކައި، ޕޭޓެންޓުތަކުން ރައްކާތެރިކޮށްފައިވާ އެ ވެކްސިންގެ ބައިތައް އުފެއްދުމުގެ ހުއްދައިގެ އިތުރުން ވެކްސިން ތައްޔާރު ކުރުމާ ގުޅުން ހުރި ފަންނީ އެހީ ވެސް ބޭނުން ވާނެ އެވެ. އަދި ޕޭޓެންޓުތަކާ ހިލާފަށް އަމަލު ކުރުމުގެ ބާރު ޑަބްލިޔުއެޗްއޯއަށް ލިބިފައި ނުވި ނަމަވެސް އެ ޖަމިއްޔާއިން ދަނީ ވެކްސިން ސަޕްލައި އިތުރު ކުރުމަށް ގައުމުތައް އެއްބައި ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޑަބްލިޔުއެޗްއޯއިން މަޝްވަރާ ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި ޕޭޓެންޓުތައް އޮތް ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުން ތަންދޭ މިންވަރަކުން ވެކްސިން އެހެން ކުންފުނިތަކުން އުފައްދަން ހުއްދަ ދިނުމާއި ވެކްސިން ތައްޔާރު ކުރަން ފަންނީ އެހީތެރިކަން ދިނުން ހިމެނެ އެވެ.

ނަމަވެސް އިނގިރޭސިވިލާތާއި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ އެފަދަ ފިޔަވަޅުތަކާ ދެކޮޅަށް ވާހަކަ ދައްކާފައި ކަމަށް ބީބީސީގެ ރިޕޯޓުގައިވެ އެވެ. އަދި ބޭހާއި ވެކްސިން އުފައްދާ ކުންފުނިތަކުން ވަނީ ޕޭޓެންޓުތަކާ ހިލާފަށް އަމަލު ކުރުމަކީ މުސްތަގުބަލުގައި ކޮވިޑާއި އެހެން ބަލިތަކުގެ ފަރުވާއަށް އިންވެސްޓު ކުރުމަށް އެޅޭނެ ހުރަހެއް ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޕޭޓެންޓުތަކާ ހިލާފަށް ވެކްސިން އުފެއްދުމުން، ވެކްސިންއަށް އޮތް އިތުބާރު ކުޑަ ވާނެ ކަމަށާއި ވެކްސިން ތައްޔާރު ކުރެވޭ ސްޕީޑު ހަލުވި ނުވާނެ ކަމަށް އެ ކުންފުނިތަކުން ބުންޏެވެ. އަދި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފައިސާގެ އެހީ ދީ، ބޭސް ހަދިޔާ ކޮށްފައިވާކަން އެ ކުންފުނިތަކުން ފާހަގަ ކުރި އެވެ.

ނަމަވެސް ވެކްސިން އުފައްދާ މިންވަރު އިތުރު ކުރުމަށް ކެމްޕޭން ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް ފަރުވާ އާއި ވެކްސިންތައް އުފެއްދުމަށް ސަރުކާރުތަކުން 125 ބިލިއަން ޑޮލަރު ހަރަދު ކޮށްފައިވެ އެވެ. އެހެންކަމުން އާއްމު ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ވާނެ އެވެ.

މުއްސަނދި ގައުމުތަކުގެ އާބާދީއަށް ބޭނުންވާ ވަރަށް އިތުރަށް އެގައުމުތަކުން ކޮވިޑް ވެކްސިން ރައްކާކޮށް، އެހެން ގައުމުތަކަށް ވެކްސިން ހޯދުމުގެ ފުރުސަތު ކުޑަ ކުރާތީ މުއްސަނދި ގައުމުތަކަށް މީގެ ކުރިން ފާޑު ކިޔުން އަމާޒުވެފައިވެ އެވެ. އެގޮތުން މުއްސަނދި ގައުމުތަކުން ވަނީ އެގައުމުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކޮވިޑް-19 ވެކްސިންގެ އެއް ބިލިއަން ޑޯޒް ގަނެފައި ކަމަށް ފަގީރު ކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވަން ކެމްޕެއިން އިން މިދިޔަ މަހު ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ.