20 Mar 2021, 13:07
ދާރުއްސަލާމް (މާޗް 20): ޓެންޒެނިއާގެ ރައީސް ޖޯން މަގުފުލީ މިދިޔަ ބުދަދުވަހު އަވަހާރަވުމާ ގުޅިގެން އެގައުމުގެ ރައީސްކަމުގެ ހުވާ، ނައިބު ރައީސާ ސާމިޔާ ސުލުހޫ ހަސަން ކުރައްވައިފިއެވެ.
ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ގައުމާ މުޚާތަބުކުރައްވައި ދެއްވި ތަގްރީރުގައި އެކަމަނާ ވިދާޅުވީ މިއީ ޓެންޒެނިއާއަށާއި އޭނާއަށްވެސް ހިތާމަވެރި ދުވަހެއްކަމަށާ ކުރިން ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވީ ވަރަށް އުފަލުންކަމަށާ އެކަމަކު މިއަދު ގައުމުގެ އެންމެ މަތީ މަގާމާ އޭނާ ހަވާލުވަނީ ހިތާމައާއެކުގައި ކަމުގައެވެ.
އުމުރުފުޅުން 61 އަހަރުގެ ސާމިއާއަކީ މަޑުމައިތިރި ހިތްތިރި ބޭފުޅެއްގެ ގޮތުގައި ޓެންޒޭނިއާގައި މަޝްހޫރު ބޭފުޅެކެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށް ސާމިޔާ ފުރަތަމަ ނިންމެވި ނިންމެވުމަކީ މަގުފުލީ އަވަހާރަވުމާ ގުޅިގެން 21 ދުވަހުގެ މުއްދަތަށް، ގައުމީ ހިތާމަ އިއުލާން ކޮށްފައިވާ ކުރުން ރަސްމީ ކުރުމެވެ.

ރައީސާ ސާމިއާ ހަސަން ސިފައިންގެ ގާޑު އޮފް އޮނާ އެއް އިނިސްޕެކްޓް ކޮށްދެއްވަނީ
ޓެންޒެނިއާގެ ރައީސް ޖޯން މަގުފުލީ އަވަހާރަވީ ވެރިރަށް ދާރުއްސަލާމްގެ ހޮސްޕިޓަލެއްގައި ހިތްޕުޅުގެ އާލާސްކަފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ބުދަދުވަހުއެވެ. މަގުފުލީ އަވަހާރަވިކަން ޓެންޒެނިއާ ސަރުކާރުން އިއުލާންކުރީ އޭނާ އާލަސްކަންފުޅާ އުޅުއްވާކަމުގެ ޚަބަރު ފެތުރިފައިވާތާ ދެހަފްތާ ފަހުންނެވެ.
ޓެންޒެނިއާގެ އިދިކޮޅު ފަރާތްތަކުން ދިޔައީ މަގުފުލީ އިންޑިއާގައި ނުވަތަ ކެންޔާގައި ކޮވިޑް-19 އަށް ފަރުވާހޯއްދަވަމުން ގެންދަވާ ކަމަށް ބުނަމުންނެވެ. މަގުފުލީ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް ސަރުކާރުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން ޝައްކުކުރާގޮތުގައި އޭނާ އަވަހާރަވީ ކޮވިޑް-19 ޖެހިގެންނެވެ.
ސާމިއާ ހަސަންއަކީ އެފްރިކާގެ ގައުމެއްގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން މުސްލިމް ލީޑަރެވެ. އޭނާ ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ 2000 ވަނަ އަހަރުއެވެ. އޭގެފަހުން ޕާލަމެންޓްގެ މެންބަރުކަމަށް އިންތިޚާބުވެޑައިގެންފައިވެއެވެ. އަދި ފަހުން ކެބިނެޓްގެ ވަޒީރުކަންވެސް ކުރެއްވިއެވެ. ރައީސް މަގުފުލީގެ ފުރަތަމަ ރަނިން މޭޓެއްގެ ގޮތުގައި ސާމިއާ ވެގެންދިޔައީ އޭނާގެ ފުރަތަމަ ރިޔާސީ ދައުރުގައެވެ. މިއާއެކު މިދިޔައަހަރު މަގުފުލީގެ ރިޔާސީ ދެވަނަ ދައުރުގައިވެސް ނައިބް ރައީސަކަށް ހަމަޖެއްސީ ސާމިއާ އެވެ.
2020 ވަނައަހަރު މަގުފުލީ ދެވަނަ ދައުރު ކާމިޔަބު ކުރެއްވީ އިންތިޚާބުގައި މަކަރު ހައްދަވައިގެންކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. މަގުފުލީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ މިދިޔައަހަރުގެ އޮކްޓޯބަރުކަމަށް ވެފައި ރިޔާސީ ދެވަނަ ދައުރު ހަމަވާނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކަމަށްވާތީ އެ މުއްދަތަށް ގައުމުގެ ރައީސްކަމުގައި ދެމިހުންނެވުމުގެ ފުރުސަތު ގާނޫނު އަސާސީގެ ދަށުން ނައިބު ރައީސާ ސާމިޔާ ސުލުހޫ ހަސަންއަށް ލިބިވަޑައިގަންނަވާނެއެވެ.
56 މިލިޔަން އާބާދީއެއް އޮންނަ ޓެންޒެނިއާގެ 61 އިންސައްތަ މީހުންނަކީ ނަސާރާއިންނެވެ. އެގައުމުގައި މުސްލިމުންގެ ނިސްބަތަކީ 35 އިންސައްތައެވެ. (ނޫސްއެޖެންސީތައް)