20 Mar 2021, 12:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރައީސް ގަތަރަށާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް އެ ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. އެ ދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާއި ދެގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.
ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފަ އެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފަ އެވެ.
ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ އެގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިޚް މުޖީބުއްރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ރައީސް ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފަ އެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.