ކޮލަމްބޯ (ފެބްރުއަރީ 5): ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި 2000 ކުށްވެރިއަކަށް ރައީސް މަހިންދަ ރާޖަޕަކްސަ މަޢާފް ދެއްވައިފިއެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ރިހެބިލިޓޭޝަން އެންޑް ޕްރިޒްނާސް ރީފޯމްސް ބުނިގޮތުގައި މަޢާފް ދެވުނު 2000 ކުށްވެރިންގެ ތެރެއިން 1500 ކުށްވެރިންނަކީ ޤާނޫނާ ޚިލާފް ޢަމަލުތައްކޮށްގެން ޖޫރިމަނާ ވުމަށްފަހު ޖޫރިމަނާގެ ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ޖަލަށް ލެވިފައިވާ މީހުންނެވެ. މަޢާފް ދެވުނު ކުށްވެރިން ބަޔަކު އިއްޔެ މިނިވަންކުރެވިފައިވާކަމަށް ޕްރިޒްނާސް ރީފޯމްސް މިނިސްޓްރީން ބުނެއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ޙުކުމް ކުރެވިފައިވާ ނުރައްކާތެރި އެއްވެސް ކުށްވެރިއަކު މަޢާފް ދެވުނުމީހުންގެ ތެރޭގައި ނުހިމެނޭކަމަށް އެ މިނިސްޓްރީގެ ތަރްޖަމާން އޭ. ޑިސެނައެކަ ވިދާޅުވިއެވެ. މަޢާފް ދެވުނު ކުށްވެރިންގެ ތެރެއިން ގިނަބަޔަކު މިނިވަންކުރެވުނީ ކޮލަންބޯގެ ވެލިކަޑާ ޖަލުންނާއި ކެންޑީގެ ބޮގަމްބަރާ ޖަލުންނެވެ.

އިއްޔެއަކީ ސްރީލަންކާގެ 64 ވަނަ މިނިވަން ދުވަހެވެ. މިއީ އިނގިރޭސި އިސްތިޢްމާރީ އަޅުވެތިކަމުން ސްރީލަންކާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންލިބުނު ދުވަހެވެ. -- ގަލްފް ނިއުސް