ރ. އުނގޫފާރުން ކޮވިޑް19ގެ ކޭސްއެއް ފެނި، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރި މީހެއް ކަމަށެވެ.

"އަލާމާތްތަކެއް ހުރީމަ ޝައްކު ކުރެވޭތީ ޓެސްޓުކުރި މީހެއް އެއީ. ޕޮޒިޓިވްވި މީހާގެ ފިރިމީހާއަކީ މާލެ ދަތުރުކުރާ މީހެއް. އޭނާގެ ބޯޓެއް އޮންނާނެ. ހަފުތާއަކު ދަތުރެއް، 10 ދުވަހުން ދަތުރެއް އެކަހަލަ ގޮތަކަށް ދަތުރު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެއާއެކު ޕޮޒިޓިވްވި މީހާގެ ފިރިމީހާއާއި އޭނާގެ ބޯޓުގެ ފަޅުވެރިންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް19އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މިއަދުން ފެށިގެން އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އަދި އެޗްޕީއޭގެ ހުއްދަ ނެތި އެރަށް ދަތުރު ކުރުމާއި އެރަށުން އެހެން ރަށަކަށް ދަތުރުކުރުމަކީ މަނާކަމެއް ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.