19 Mar 2021, 19:13
ކޮވިޑްގެ ކޭސްތައް ގިނަވެ، ދ. ކުޑަހުވަދޫގައި ބަލި ފެތުރިއްޖެ އެވެ.
މިހާތަނަށް އެރަށުން ވަނީ ކޮވިޑްގެ 19 ކޭސް ފެނިފަ އެވެ. ދ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތު އޮފިސަރު އަދި ޒިންމާދާރު ވެރިޔާ އައިޝަތު މުނީރު "ސަން"އަށް ވިދާޅުވީ، އެ ރަށުގެ ހާލަތަށް ބަލާއިރު ކޮމިއުނިޓީ ސްޕްރެޑެއް މިހާރު އެބައޮތް ކަމަށެވެ.
"އެއީ ސްކޫލް ކުދިން ވެސް ޕޮޒިޓިވްވެފައިވާތީ. އަދި ސްކޫލް ކުދިންގެ އާއިލާގެ މީހުން ވެސް ޕޮޒިޓިވްވެފައި ވަނީ. އެންމެ ފުރަތަމަ އެނގުނީ އެއާޕޯޓް ސްޓާފުން ޕޮޒިޓިވްވިކަން،" އައިޝަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ފެނިފައިވާ ކޭސްތަކާ ގުޅިގެން އިތުރު ކޭސްތައް ފެނުން އެކަށީގެންވާ ކަމަށެވެ.
ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވީ މި މަހުގެ 17 ވަނަ ދުވަހުގަ އެވެ.
މުޅި ރާއްޖެއިން މިހާތަނަށް 22،147 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި އެވެ. އޭގެ ތެރެއިން 19،642 މީހުން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 2،433 މީހުންނެވެ. އަދި 65 މީހުން ވަނީ އެ ބަލީގައި މަރުވެފަ އެވެ.