05 Feb 2012, 09:28
ޓެކްސްއަކީ ސަރުކާރެއްގެ އާމްދަނީ އެވެ. ސަރުކާރު ބިނާވެގެން ވަނީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންގެ އަތުން ސަރުކާރަށް ނެގޭ ފައިސާގެ މައްޗަށެވެ. އުސް އިމާރާތްތަކާއި ބަނދަރުތަކާއި މަގުތަކުގެ ސިއްރަކީ ޓެކްސްގެ އާމްދަނީ އެވެ. ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި ދިވެހިންނަށް ޓެކްސްގެ މަފްހޫމް ސާފުވެފައިވާނެ އެވެ. ސަރުކާރުގެ ޓެކްސް ރިފޯމް އެޖެންޑާގެ ދަށުން ޓީ ޖީއެސްޓީ އާއި ޖީއެސްޓީ އަދި ވިޔަފާރި ފައިދާގެ ޓެކްސް ވަނީ ތައާރަފްވެފަ އެވެ.
ޓެކްސްގެ ނިޒާމަށް ދިވެހިން ރަނގަޅަށް ނުހޭނި ތިއްބައި ރާއްޖޭގެ ސިޔާސީ ހަލޮބޮލި ކަމުގެ ތެރެއަށް ޓެކްހުގެ ކަންކަން ވެސް ވަނީ ވަދެފަ އެވެ. މާނައަކީ ސަރުކާރުން ގާނޫނު އަސާސީގެ އިން ފަހަނައަޅާ ދިޔުމަކީ ވިޔަފާރިވެރިން ވެސް ޓެކްހަށް ބަހަނާ ދައްކަން ފެށި ހިސާބަށްވުމެވެ.
ވިޔަފާރިވެރިން ތަމްސީލް ކުރާ، ވިޔަފާރި ވެރިންގެ ގައުމީ ޖަމްއިއްޔާއިން ޓެކްސް "މަޑުޖައްސާލުމުގެ" ކެމްޕޭނަކަށް ވަނީ ނުކުމެފަ އެވެ. އެ ޖަމްއިއްޔާގެ ވިސްނުމަކީ ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރާތީ ވިޔަފާރިވެރިންގެ ހައްގުތަކެއް ގެއްލެމުންދާ މައްސަލަ އެވެ. މިނިވަން ވިޔަފާރީގެ ގާނޫނީ ރައްކާތެރިކަމުން މަހުރޫމްވާ ކަމަށް ބުނެ އެވެ.
"އަޅުގަނޑުމެން ކޮށްފައި ހުރި ކޮންޓްރެކްޓްތައް ތަންފީޒް ކުރެވެނީ ކޯޓުތަކުގެ ތެރެއިން. ވިޔަފާރި އަކީ އެއްބަސްވުންތަކެއް. އެ ތަންފީޒް ކުރެވެނީ ކޯޓުތަކުގެ ތެރެއިން. އެއީ މިނިވަން ވިޔަފާރީގެ މުހިންމު އަސާސެއް. ނަމަވެސް މިއަދަށް މިވަނީ 15، 16 ދުވަސް، އަދިވެސް ސަރުކާރުން އެކަމެއް ހައްލެއް ނުކޮށްދޭ. މިކަމާ ހެދި އިންވެސްޓަރުން ވެސް އަދި ވިޔަފާރިވެރިންގެ ޝަކުވާ ވެސް މެދުކެނޑުމެއް ނެތި މި އަންނަނީ،" ވިޔަފާރި ވެރިންގެ ޖަމްއިއްޔާގެ ރައީސް އަހުމަދު އަދީބު ވިދާޅުވި އެވެ.
"އެކަމާ ހެދި އަޅުގަނޑުމެން މި އަންގަނީ އެގޮތަށް އަމަލުކުރާ ނަމަ، މިކަން ހައްލުނުކޮށްދޭ ނަމަ ޓެކްސް ދެއްލުމުގައި ދެ ވަނަ ވިސްނުމަކަށް ދާންޖެހިދާނެ. އަޅުގަނޑުމެން ވިޔަފާރިތަކަށް ގޮވާލަން މިކަމާ މެދު ވިސްނާ ޓެކްސް ދެއްކުން އިހަށް މަޑުޖައްސާލަން،"
ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ހަރުކަށި ސްޓޭންޑަކަށް ދިޔައިރު އޭގައި ގާނޫނީ ގޮތުން ހުރަސްތަކެއް އެބަހުއްޓެވެ. ޓެކްސް ދެއްކުމުން އެކަހެރިވާ މީހަކު ޖޫރިމަނާ ކުރުމުގެ ބާރު އަދި ކޯޓުގައި ދައުވާ ކުރުމުގެ ބާރު ވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބެ އެވެ. އަދި މަކަރުހަދާ މީހެއްގެ އަދަބަކަށް ގޭބަންދުކުރުން ވެސް ޓެކްސްގެ އިދާރީ ގާނޫނުން މަގުފަހިކުރެ އެވެ.
ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ އަމާޒަކީ ޓެކްސް ނުދައްކުމެއް ނޫނެވެ. މަޑުޖައްސާލުމެވެ. އެއީ ސަރުކާރަށް އަދަބު ދިނުމުގެ ގޮތުން އެމީހުން ކުރަންޖެހޭ ކަމަކަށް ބެލިދާނެ އެވެ. ޓެކްސް މަޑުޖައްސާލުމުން ވިޔަފާރިތަކަށް އަދަބެއް ނުދެވޭނެ އެވެ. އޭނގެ ބަދަލުގައި ސަރުކާރަށް ހަރުކަށި އަދަބު ދިނުން އެއީ އޭގެ ހަގީގީ މަގުސަދު ކަމަށް އަދީބު ވިދާޅު އެވެ.
"އަޅުގަނޑުމެން ނުބުނަން ޓެކްސް ނުދައްކާކަށް. ސަރުކާރުން މިކަން ހައްލުކޮށްދެންދެން މަޑުޖައްސާލަންވީ. މިހާރު ބެލެންސް ޝީޓްތަކާ އެއްޗިހި ތައްޔާރުކުރޭ. އޭގެން އެނގޭނެ ދައްކަން ޖެހޭ އަދަދު. ސަރުކާރުން ގާނޫނީ އިމަށް އައިމާ އެ ފައިސާ ދެއްކޭނެ،" އަދީބު ވިދާޅުވި އެވެ.
އެވާހަކަތަކަށް މީރާއިން ވަނީ ބަސް ބުނެފަ އެވެ. މީރާއިން ދެނީ އިންޒާރެކެވެ. ޑެޑްލައިންތަކެއް އިއުލާންކޮށް ފިޔަވަޅު އެޅުމުގެ އިންޒާރެވެ.
"... މި ތާރީހުތަކުގެ ކުރިން ދައްކަން ޖެހި ނުދައްކާ ހުރި ޓެކްސްގެ ފައިސާ، އަދަބު ނުވަތަ ޖޫރިމަނާ ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ނުދައްކައިފި ނަމަ އެ ފަރާތްތަކުން އެންމެ ފަހުން ޓެކްސް ދައްކަން ޖެހުނު ތާރީހުން ފެށިގެން ޓެކްސް ދައްކާ ހަލާސްކުރާ ތާރީހާ ހަމަޔަށް، ގާނޫނުގައިވާ ގޮތުގެ މަތިން ޖޫރިމަނާކުރެވޭނެ ވާހަކަ ދަންނަވަމެވެ. ހަމައެހެންމެ ހުށަހަޅަން ޖެހި ހުށަނާޅާ ހުރި ޓެކްސް ބަޔާނާ މެދު ވެސް ހަމަ މި އުސޫލުން އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ،" މިރާއިން އާންމު ކުރި ބަޔާނެއްގައިވެ އެވެ.
މިހާރު ހަމަޖައްސާފައިވާ ގޮތުން ވިތު ހޯލްޑިން ޓެކްސް 31 ޖެނުއަރީއާ ހަމަޔަށް ނުދައްކާ ފަރާތްތައް 15 ފެބްރުއަރީގެ ކުރިން އެ ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސްގެ 31 ޖެނުއަރީގެ ނިޔަލަށް ދައްކަން ޖެހޭ އިންޓަރިމް ޕޭމަންޓް ދެއްކަން ޖެހޭނީ 29 ފެބްރުއަރީގެ ނިޔަލަށެވެ. މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް ދެއްކުމުގެ އެންމެ ފަހުގެ ތާރީއަކީ މި މަހުގެ 28 އެވެ.
މީރާގެ އިންޒާރުތަކާ އެކުވެސް ބޮޑަތި ބައެއް ވިޔަފާރިވެރިން ތިބވީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެއީ ގާނޫނުން އަދަބު ކަނޑައެޅޭ ކަމެއްވިޔަސް އޭނގެ ކުރިން ސަރުކާރު ގާނޫނަށް ވަންނަން ޖެހޭ ކަމަށް އެފަރާތްތައް ގަބޫލުކުރެ އެވެ.
ޖޭ ހޮޓަލްސްގެ ޗެއާމަން އަބްދުﷲ ޖާބިރު ތުހުމަތުކުރައްވާ ގޮތުން ވިޔަފާރިވެރިންގެ ޓެކްސް ފައިސާ ބޭނުން ކުރަނީ ނަހަމަ ގޮތުގަ އެވެ. ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަށެވެ.
"އަޅުގަނޑުމެން ބުރަ މަސައްކަތުން ހޯދާ ފައިސާ މީހުންނަށް އަނިޔާވެރިވުމަށް ބޭނުން ކުރާކަށް ޖާގައެއް ނުދެވޭނެ. މި ގައުމުގައި ގާނޫނުތަކަށް ތަބާނުވާ ވެރިއަކު ހުރެގެން އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުންކުރާނެ ކަމުގެ ޔަގީންކަމެއް ނެތް،" އެމްޑީޕީގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތް އަދި މިހާރު އެ ޕާޓީގެ ނައިބު ރައީސް ކަން ކުރައްވާ ޖާބިރު ވިދާޅުވި އެވެ.
ޓެކްސް ނުދެއްކުމަށް ވިޔަފާރިވެރިންގެ ބަހަނާތައް ވެސް ގިނަ އެވެ. ހަގީގަތުގައި ސިޔާސީ މި ބޮޑު ކޯޅުންގަޑުގެ މެދުގައި ތާށިވާނެ ބަޔަކީ ވިޔަފާރިވެރިންނެވެ. ގެއްލުން ލިބޭނީ ވެސް ބިއްލޫރިތައް ފުނޑުކުރާނީ ވެސް ވިޔަފާރިގެތަކުގެ އެވެ. ވިޔަފާރިވެރިންގެ ނަޒަރުގައި ޓެކްހުގެ ފައިސާ، މުގުރާ، ބިއްލޫރިތައް ހެދުމަށް ބޭނުންކުރުން ވެސް މާ ރަނގަޅެވެ.
"ޓެކްސްގެ ފައިސާ އިން އިގްތިސޯދުގެ އެހެން އަސާސްތައް ވަރުގަދަ ކުރަން ހަރަދުކުރުން މި ދަނޑިވަޅުގައި މާ ރަނގަޅު ކަންނޭންގޭ. މުވައްޒަފުންނަށް ރަނގަޅު މުސާރަ ދިނުން އަހަރުމެންނަށް މާ ރަނގަޅު. އަޅުގަނޑުމެންގެ ވިޔަފާރިތައް ވަރުގަދަ ކުރުން. ވެލްފެއާގެ ކަންތައްތަކަށް ހަރަދު ކުރުން މިވަނީ މުހިންމުވެފައި،" މަޖީދީ މަގުގައި ގާމެންޓްސް ފިހާރައެއް ހިންގާ ވިޔަފާރި ވެރިއަކު ބުންޏެވެ.
އެހެން ވިޔަފާރިވެރިއެއްގެ ނަޒަރުގައި އެމީހުންގެ ވިޔަފާރިތަކަށް ރައްކާތެރިކަމެއް ނެތެވެ. ޓެކްސް ފައިސާ ދިނީ އެ ރައްކާތެރިކަން ހޯދަން ކަމުގައިވިޔަސް އޭނގެން ލިބެނީ ކެއްސެވެ.
"އަދި ޓެކްސްދައްކާފައި ހޭލާ ތިބެން މިޖެހެނީ. ވިޔަފާރިތަކަށް ރައްކާތެރިކަމެއް ނެތް. ގައުމު ހަލަބޮލިވީ މިކަމުގެ ސަބަބުން. ވަރަށް މަސައްކަތް ކުރިން ހަރުކަށި ނުވެ ހައްލުވޭތޯ. ދެނެއް ނުވާނެ،" ޖަނަވަރީ މަގުގައި ފިހާރައެއް ހިންގާ ވިޔަފާރި ވެރިއަކު ބުންޏެވެ.
ޓެކްސް ނުދެއްކުމަކީ ގާނޫނީ މައްސަލަ އެކެވެ. ސަރުކާރަށް ވެސް ބޮޑު މައްސަލަ އެކެވެ. އަދި ވިޔަފާރިތަކައް ކުރިމަތިވެފައިވާ މައްސަލައެކެވެ. ޓެކްސް ނުދެއްކުމަކީ "ބަހަނާއަކަށް" ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކޯޓުތަކުގެ އަމުރުތައް ހިރަފުހަށްވުމުން ދެން ފެންނާނެ މަންޒަރަކީ މި އެވެ. ކޮންމެ ކަމެއްވެސް ވާނީ "ބަހަނާ" އަކަށެވެ.