ޖީއެމްއާރުން ނަގާ ފީ ބޮޑުވުމުން އިނގިރޭސި ވިލާތުން ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ތޮމްސަން އެއާވޭސްއިން ވެސް ރާއްޖެއަށް ކުރާ ދަތުރުތައް މަދުކުރަން ވިސްނަން ފަށައިފި އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ހަތަރުބައިކުޅަ އެއްބައި މީހުން އަންނަ އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓުކަން ކުރާ، ވޮވޭޖަޒް މޯލްޑިވްސްގެ ގެ އިސް އޮފިޝަލަކު ވިދާޅުވީ އެއާޕޯޓުން ނަގާ ފީތައް ބޮޑުކުރަން ނިންމުމާއެކު އެ ފްލައިޓަށް ދެމެހެއްޓެނިވި ގޮތަކަށް ރާއްޖެ އަށް އުދުހުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި ތޮމްސަން އިން އޮޕަރޭޓްކުރާ ބައެއް ފްލައިޓްތައް ރާއްޖެ ދަތުރުކުރުމާ ދޭތެރޭ މިހާރު ވިސްނަން ފަށާފައިވާ ކަމަށެވެ.

"އަދި ހުއްޓާލަން މުޅިން ނުނިންމާ. އެކަމަކު ފީސިބަލް ކަމެއް ނޫންކަމަށް ވިދާޅުވޭ،" އޮފިޝަލް ވިދާޅުވި އެވެ. "މައްސަލައަކަށް ވަނީ ހިދުމަތްތައް ރަނގަޅު ނުކޮށް އަގުތައް ބޮޑުކުރުން،"

ޗާޓަރު ދަތުރުތައް ކުރާ ތޮމްސަންއަށް އެންމެ ބޮޑު ބުރުލެއް އަރާފައިވަނީ ފަސިންޖަރުން އަންނަ ނިސްބަތަށް ވުރެ އެއާޕޯޓުން ނަގާ ފީތަކާއެކު އޮޕަރޭޓިން ކޮސްޓް ބޮޑުވުމުންނެވެ.

"މިކަހަލަ [ޗާޓަރު] ފްލައިޓްތަކަކަށް ނޯވެ އެއްވެސް ރައްކާތެރިކަމެއް. އެމީހުން މިކޮޅަށް އަންނަންޏާ އެއްކަލަ ބޮޑުކުރި ބައި ދައްކަން ޖެހޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ސީޒަންތެރޭގައި ތޮމްސަން އިން ހަފްތާއަކު ދެ ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރެ އެވެ. އަދި އޮފް ސީޒަންގައި ހަފްތާއަކު ފްލައިޓަކާއި ދެ ހަފްތާއިން އެއްހަފްތާ ފުލައިޓެކެވެ.

އެ އޮފިޝަލް ވިދާޅުވީ ގެއްލުމާ ކުރިމަތިވި ނަމަވެސް އެއާލައިން އިން ރާއްޖެއާ ކުރާ ދަތުރުތައް މަދު ނުކުރެވިގެން އުޅެނީ ކުރީބައިގައި ސީޓްތައް ވިއްކާފައި ހުރުމުން ކަމަށާއި އެ ދަތުރުތައް ކޮއްފައި ނޫނީ ދަތުރުތައް މަދުކުރެވެން ނެތް ކަމަށެވެ.

"އެމީހުން ހުންނަނީ ކުރީބައިގައި ސެލްކޮށްފައި ޓުއާ އޮޕަރޭޓަރުންނަށް. އެހެންވީމަ މިތަނުން ފީ ޑަބަލް ކުރިޔަސް އެ ސީޒަންގައި އެމީހުންނަށް އެބަ މަޖްބޫރުވޭ އޮޕަރޭޓް ކުރަން ގެއްލުން ވިޔަސް. ޗާޓަރު ހުންނަނީ ވަކި ގޮތަކަށް ވަކި މުއްދަތަކަށް ކޮންޓްރެކްޓް ކޮށްފައި. ގޮނޑި ފުރުމުގެ ރިސްކު ވަރަށް ކުޑަ. ފީތައް ބަދަލުކުރިއަސް އެމީހުންނަށް ނޯވޭ ކަމެއް ކުރެވޭކަށް،" އޮފިޝަލް ވިދާޅުވި އެވެ.

ތޮމްސަން އަކީ އެންމެ ގިނަ ދުވަސްވަންދެން ރާއްޖެއަށް އުދުހުނު އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ޗާޓަރު ފްލައިޓެކެވެ. އޮފިޝަލް ވިދާޅުވީ ޖީއެމްއާރުން ފީތައް ބޮޑުކުރަން ނިންމުމުން ވާދަވެރި މަންޒިލްތަކާ އަޅާ ކިޔާއިރު ރާއްޖޭގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ބިރަކީ ލަންކާ ކަހަލަ ވާދަވެރި މަންޒިލްތަކުގެ އަގުތައް މިކޮޅަށް ވުރެ ދަށްވުން. އޭނގެ ސަބަބުން މިކޮޅަށް އަންނަ ޓޫރިސްޓުން މަދުވާނެ. އޭރުން ޗާޓަރު ފްލައިޓްތަކުގެ ސީޓްތައް ފުރުމުގެ ޗާންސް ކުޑަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ތޮމްސަންއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ އަގުތައް ބޮޑުވިއިރު ބިޔަ އެއާލައިން ގަތަރު އެއާވޭސްއިން ވެސް ވަނީ ރާއްޖެއަށް އޮޕަރޭޓް ކުރުން ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެ ފަ އެވެ. އަދި ސްރީލަންކަން އިންވެސް ވަނީ މާލެ ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމާފަ އެވެ.