ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ތިމާވެއްޓާ ރައްޓެހި އެއާކޮންޑިޝަން ހަރުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

އިއްޔެ ސޮއިކުރީ ބައެއް ސްކޫލްތަކުގައި ހުރި "އެޗްސީއެފްސީ 22" ގޭސް ބޭނުންކުރާ އޭސީތައް އޯޒޯން ފަށަލައަށް ގެއްލުންނުލިބޭ ފަދަ ގޭސް ބޭނުންކުރާ އޭސީތަކަކަށް ބަދަލުކުރުމަށެވެ.

އެ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ހައިޑްރޯފްލޯރޯކާބަންސް (އެޗްސީއެފްސީ) ގޭސް ބޭނުންކުރާ އޭސީތައް ބަދަލުކުރުމަށްޓަކައި ނިއު ޒިލޭންޑްގެ ސަރުކާރުގެ ފަރާތުން ހިންގާ "ގޯ ގްރީން" ޕްރޮގްރާމްގެ ދަށުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ ޖައްވު ހޫނުވުމަށް މެދުވެރިކުރާ މާއްދާއެއް ކަމުގައިވާ ހައިޑްރޯފްލޯރޯކާބަންސް ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭނެ މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ 90 ސްކޫލެއްގައި އެ ގޭސް ބޭނުންކުރާ 486 އޭސީ އެބަހުރި ކަމަށެވެ.

މިދިޔަ އަހަރުގެ ނިޔަލަށް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ. އަދި 2015 އަހަރުން ފެށިގެން އެޗްސީއެފްސީ ބޭނުންކުރާ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މިހާރު ހުރި އެޗްސީއެފްސީ ބޭނުންކުރާ ތަކެއްޗަށް ބޭނުންވާ ވަރަށް އެޗްސީއެފްސީ އެތެރެކުރެވޭނީ 2025 ވަނަ އަހަރާ ހަމައަށެވެ.