19 Mar 2021, 08:55
ދުނިޔޭގައި ނިސްބަތުން އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިއާގެ ކުންފުނިތަކަށް ކޮވިޑް ވެކްސިންގެ ޑިމާންޑް ބޮޑުވެ، ބޭނުންވާ ވަރަށް ނުއުފެއްދިދާނެ ކަމަށް އެގައުމުން ބުނެފި އެވެ.
މިހާރު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޖަހަމުން އަންނަ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިން އުފައްދާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ބުނި ގޮތުގައި އެކުންފުނިން އަންދާޒާ ކުރި ވަރަށް ވުރެން ވެކްސިންގެ ޑިމާންޑް އިތުރުވެފައިވާ ކަމަށެވެ. އެއާ އެކު އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުން ގިނަ އަދަދަކަށް އޯޑަރު ކޮށްފައިވާ ވެކްސިން ޑޯޒްތައް އެގައުމުތަކަށް ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށާއި ވެކްސިން އުފެއްދުން ލިމިޓްކުރަން ޖެހިފައިވާ ކަމަށެވެ.
އެސްއައިއައިއިން ކުރިން ލަފާ ކޮށްފައިވާ ގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މަހެއްގެ މައްޗަށް 60-70 މިލިއަން ޑޯޒު ވެކްސިން އެކުންފުންޏަށް އުފެއްދިދާނެ އެވެ. އަދި މާރިޗު މަހުން ފެށިގެން 100 މިލިއަން ޑޯޒާ ހަމައަށް މަހެއްގެ މައްޗަށް ވެކްސިން އުފައްދަން އެ ކުންފުނިން އޭރު މަސައްކަތް ކުރި ނަމަވެސް މި މަހާ ހިސާބަށް އެ ކުންފުނީގެ ޕްރޮޑަކްޝަން އުޅެނީ 50 މިލިއަނުގަ އެވެ. އެސްއައިއައި ބުނީ ލަފާ ކުރި ވަރަށް ވެކްސިން އުފެއްދުން މަޑު ޖައްސާލަން ޖެހުނީ ވެކްސިން އުފެއްދުމަށް ބޭނުންވާ ބައެއް އާލަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ.
އެގޮތުން ވެކްސިން އުފެއްދުމަށް ބޭނުންވާ ހާއްސަ ބައެއް އާލަތްތައް ކުރިން އެތެރެ ކުރަމުން އައި އެމެރިކާއިން އެ އެއްޗެހި އެކްސްޕޯޓް ކުރުން ހުއްޓާލުމާއި ގުޅިގެން ވެކްސިން އުފެއްދުމަށް ބޮޑު ހުރަހެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނީގެ ޗީފް އެކްޒެކިއުޓިވް އަދަރް ޕޫންވާލާ ވަނީ ވިދާޅުވެފަ އެވެ.

ވެކްސިން އުފެއްދުމަށް ބޭނުން ކުރާ ހާއްސަ ބައެއް ކެމިކަލާއި ޓިއުބް އަދި ސެލް ކަލްޗާގެ އިތުރުން އެކަމަށް ހާއްސަ ކޮތަޅު އަދި ފިލްޓާ ފަދަ ތަކެތި އެކްސްޕޯޓް ކުރުން އެމެރިކާއިން ހުއްޓާލާފައި ވަނީ އެގައުމުގެ އައު ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވުމަށް ފަހު ގެނައި ބައެއް ބަދަލުތަކުގެ ސަބަބުންނެވެ. އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި ބައިޑެންގެ އެ ނިންމުމަކީ އެމެރިކާގައި އުފައްދާ ވެކްސިންގެ ނިސްބަތް އިތުރު ކުރުމާ އެކު އެހެން ގައުމުތަކަށް ބަރޯސާވުން ކުޑަކުރުން ހިމެނޭ ކަމަށެވެ.
އިންޑިއާގައި އުފައްދާ ކޮވިޑް ވެކްސިންގެ ތެރެއިން މިހާތަނަށް ބޭނުން ކުރުމަށް ހުއްދަ ލިބިފައިވަނީ ދެ ވެކްސިނަކަށެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، އިންޑިއާގެ ލެބޯޓަރީތަކުގައި އުފެއްދި ކޮވެކްސިނެވެ. އޭގެ ތެރެއިން ކޮވިޝީލްޑް 130 މިލިއަން ޑޯޒް ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ވަނީ އުފައްދައި، ބޭނުން ކޮށްފަ އެވެ. އެހެން ނަމަވެސް މި ވެކްސިންގެ ޑިމާންޑް އިތުރުވެފައިވާ އިރު، އިންޑިއާގައި ބޭނުން ކުރުމަށާއި، އެހެނިހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އިންޑިއާގައި ކޮވިޑްގެ ދެވަނަ ރާޅެއްގެ ބިރު ހީވެފައިވާ އިރު، އެގައުމުގައި މިހާތަނަށް37 މިލިއަން މީހުންނަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ. އެގައުމުގެ އަމާޒަކީ ހަތް މަސް ތެރޭ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވެކްސިން ދިނުން ކަމަށާއި، އެކަން ކުރުމަށް މަހެއްގެ މައްޗަށް 85 މިލިއަން ޑޯޒް ވެކްސިން ބޭނުންވާނެ ކަމަށް ކުރިން ވަނީ ކަމާ ބެހޭ އިދާރާތަކުން ބުނެފަ އެވެ.