19 Mar 2021, 00:06
ކުރިއަށް އޮތް ރަމަޟާން މަހު އަޅުކަމަށާއި، އުމްރާވެރިންނަށް ޒިޔާރަތް ކުރެވޭގޮތަށް މަސްޖިދުއް ނަބަވީ ހުޅުވާލަން ނިންމައިފި އެވެ.
ހަރަމައިން ޓުވިޓާ އެކައުންޓުގައި ބުނެފައި ވަނީ ރޯދަ މަހު އަޅުކަމަށް މަސްޖިދުއް ނަބަވީ ހުޅުވާލަން މިސްކިތުގެ މެނޭޖްމަންޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
ކޮންމެ ދުވަހަކު ވެސް މިސްކިތް ހުޅުވާނީ ފަތިސް ނަމާދުގެ ދެ ގަޑިއިރު ކުރިން ކަމަށާއި، ކޮންމެ ރެޔަކު ތަރާވީހް ނަމާދު ނިމޭތާ ބައިގަޑިއިރުގެ ތެރޭގައި މިސްކިތް ބަންދުކުރާނެ ކަމަށް ޓުވީޓުގައިވެ އެވެ.
ނަމަވެސް ފަހު ދިހައިގައި 24 ގަޑިއިރު މިސްކިތް ހުޅުވާފައި ހުންނާނެ އެވެ.
އަޅުކަމަށް ހުޅުވާލި ނަމަވެސް، ގައިދުރުކަން ދަމަހައްޓައި، މިސްކިތުގެ އެތެރެ އާއި ބޭރުގައި އެއްފަހަރާ އަޅުކަން ކުރެވޭނީ 60،000 މީހުންނަށެވެ. އަދި މިސްކިތުގައި ހިމެނޭ "ރައުޟާ"ގައި އަޅުކަން ކުރެވޭނީ ހަމައެކަނި އިމާމުންނަށާއި، މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ޖަމާއަތްތެރިންނަށް ކަމަށް ބުނެފައިވެ އެވެ.
އެެހެން މީހުން އަޅުކަން ކުރާނީ މިސްކިތުގެ އެތެރެއާއި ބޭރު އަދި ޓެރަސްގަ އެވެ. ހަރަމައިން ޓުވިޓާގައި ބުނެފައި ވަނީ އަޅުކަން ކުރިއަށް ދާވަގުތު، މިސްކިތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމަށް ގަވާއިދުން އިންސްޕެކްޓް ކުރާނެ ކަމަށެވެ.
ކޮވިޑް19 ބަލިމަޑުކަމުގެ ސަބަބުން މިދިޔަ މާޗު މަހު މަސްޖިދުއް ނަބަވީ ބަންދުކުރި އެވެ. މިސްކިތް އަލުން ހުޅުވީ މެއި މަހު އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަސްޖިދުއް ނަބަވީއަށް މީހުން ވައްދަން ހަމަޖެއްސީ މިސްކިތުގެ ހަމައެކަނި 40 ޕަސެންޓު ފުރޭ ވަރަށެވެ.
ކޮވިޑް-19 އާ ގުޅިގެން އުމްރާގެ އަޅުކަމުގެ ފުރުސަތު ބަންދުކޮށްފައި އޮތުމަށްފަހު އެ ފުރުސަތު ބޭރުގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އަލުން ވަނީ ހުޅުވާލައިފަ އެވެ.