18 Mar 2021, 22:43
ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ނުކުރާނެ ކަމަށާއި ނަމަވެސް، އެ ފިޔަވަޅުތަކަށް މިވަގުތު ލުއި ދެވެން ވެސް ނެތް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވަނީ ހުސްވި ހަފްތާގެ ޓްރެންޑުތައް ހިއްސާކުރައްވައިފަ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޓްރެންޑުތަކަށް ބަލާއިރު އަދިވެސް މުޖުތަމައުގައި ކަންބޮޑުވާ ވަރަށް ބަލި އޮތް ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން މިވަގުތު ފިޔަވަޅުތަކަށް ލުއި ދެވެން ނެތް ކަމަށާއި އެހެން ނަމަވެސް މިވަހުތަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ނުކުރަން ޓެގުން ނިންމާފައިވާ ކަމަށެވެ.
ކޮވިޑްގެ ތިން ވަނަ ރާޅާއެކު އެއްފަހަރާ ޕޮޒިޓިވްވާ މީހުން ގިނަ ވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރި އެވެ. އެގޮތުން ކާފިއު އިއުލާންކޮށް، ރޭގަނޑު ހޮޓާ/ރެސްޓޯރަންޓުތަށް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރުމާއެކު ޕާކުތަކާއި މައިޒާންތައް ވެސް ބަންދުކުރި އެވެ. އަދި އެއް ފަހަރާ މަގުމައްޗަށް ނުކުމެ އުޅެވެނޭ މީހުންގެ އަދަދު ވެސް މަދުކުރި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ފެބުރުއަރީ މަހުގެ ފަހުކޮޅު ކޭސްތައް ވަރަށް ބޮޑަށް މައްޗަށް ދިޔަ ނަމަވެސް މިހާރު އަޅާފައި ހުރި ފިޔަވަޅުތަކާ ގުޅިގެން، ބައްޔަށް ޕޮޒިޓިވް ވާ އަދަދު ކުޑަކޮށް ދަށްވާން ފަށާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
"މާޗުމަހުގެ ފުރަތަމަ ހަފްތާ އާއި ދެވަނަ ހަފްތާގަ ވެސް، ހަފްތާއެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ދަށަށް ދާކަމަށް ގްރާފުން އެބަ ދައްކާ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް ދަށަށް ދާން ފަށާފައިވާ ކަމަށެވެ. އެ އަދަދު ދަށަށް ދާން ފެށީ، އެޑްމިޓް ކުރާ ކްރައިޓީރިއާ އަށް ގެނައި ބަދަލާވެސް އެކު އެވެ.
ޑރ. ޝަހީދު ވިދާޅުވީ އަދިވެސް ހިތްހަމަޖެހޭ ވަރަށް، އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު ދަށަށް ނުދާ ކަމަށެވެ.
ހަހަ އެއާއެކު، ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ފެބުރުއަރީ މަހާ އަޅާބަލާއިރު މި މަހު ދަށްވެފައިވާ ކަމަށެެވެ. ފެބުރުއަރީ މަހު ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަލީގައި މަރުވުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވި ކަމަށާއި، ފިޔަވަޅުތައް ވަރުގަދަ ކުރަން ވެސް ޖެހުނީ އެ ސަބަބާ ހެދި ކަމަށެވެ.
ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އަދިވެސް ހުރީ ހަތް ޕަސެންޓުގަ އެވެ. އެޗްއީއޯސީން ބޭނުންވަނީ އެ އަދަދު ފަސް ޕަސެންޓަށް ވުރެ ދަށުގައި ބަހައްޓަން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އެކްޓިވް ސަވައިލެންސްގެ ތެރެއިން މީހުން ޕޮޒިޓިވްވާ އަދަދު އެންމެ މައްޗަށް ދިޔައީ ފެބުރުއަރީ މަހު އެވެ. އެއަށްފަހު މަޑުމަޑުން އެ އަދަދު ދަށަށް ދާން ފެށި ނަމަވެސް، ފާއިތުވި ހަފްތާގައި އަނެއްކާވެސް އެކްޓިވް ސަވައިލެންސްގެ ޕޮޒިޓިވިޓީ ރޭޓް މައްޗަށް ޖެހިލާފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"އެހެންވީމަ ބައެއް އިންޑިކޭޓާތަކުގައި އެބަހުރި އިމްޕްރޫވްމަންޓް. އެހެން ނަމަވެސް ފްލޫ ޕޮޒިޓިވިޓީ ރޭޓާ އެކްޓިވް ސަވައިލެންސް ރޭޓް އަދިވެސް އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މިންގަނޑެއްގަ ހުރިކަމަށް ފާހަގަވަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ކޮންޓްރޯލްވާ ސްޕީޑު ބިނާވަނީ އަޅާފައިވާ ފިޔަވަޅުތަކުގެ މިންވަރަށާއި އެ ފިޔަވަޅުތަކަށް މީހުން ބޯލަނބާ މިންވަރަށް ކަމަށެވެ. ލޮކްޑައުނަކަށް ނުގޮސް ތިން ވަނަ ރާޅުގައި ބަލި ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި އިތުރަށް ގޯސްވިޔަ ނުދ ހިފަހައްޓާލެވިފައި ހުރި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
"ނަމަވެސް ފްލޫ ޕޮޒިޓިވިޓީ ރޭޓާއި އެކްޓިވް ސަވައިލެންސްގެ އަދަދުތައް ވެސް އަދިވެސް މަތީގަ އުޅޭތީ މުޖުތަމައުގެ ތެރޭގައި ކޮވިޑް އަދިވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް އޮތް ކަމަށް އަޅުގަނޑުމެންނަށް މި ފާހަގަވަނީ. އެހެންވީމަ މިވަގުތަށް އަޅުގަނޑުމެން އަޅާފައި ހުރި ފިޔަވަޅުތައް މިހާރު މި ހުރި ލެވެލްގަ އަދި ކުރިއަށް ގެންދަން ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމާފަ މި އޮތީ. ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާކަށް ގަސްދެއް ނުކުރަން މި ދަނޑިވަޅުގަ، އެކަމަކު މިހާރު އަޅާފަ ހުރި ފިޔަވަޅުތައް އިތުރަށް ކުރިއަށް ގެންދަން ނިންމާފަ މިވަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ކޮންމެ ހަފްތާއަކު ވެސް ޓްރެންޑުތައް ދިރާސާކުރަނީ އަވަހަށް ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަގުސަދުގައި ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ބަލި ކޮންޓްރޯލްވާ ނިސްބަތުން ކަމަށެވެ.