އިދިކޮޅު ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ މުޒާހަރާ ފެށުނީ ވެސް ނިމުނީ ވެސް ކުރިމަތިލުމަކުންނެވެ.

އެހެން ރޭރެއަށްވުރެ ލަސްކޮށްފައި އިދިކޮޅު ފަރާތްތަކުން އާޓީފިޝަލް ބީޗް ސަރަހައްދަށް މުޒާހަރާ އަށް ނުކުތް އިރު ނޫސްވެރިންގެ ހިމާޔަތުގައި ކަމަށް ބުނެ އެމްޑީޕީން އޮތީ އެ ސަރަހައްދު ސްޓޭޖް މަތީގައި މުޒާހަރާއެއް ފަށާފައެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކަށް މުޒާހަރާ ކުރާނެ ޖާގައެއް ލިބުނީ ޕީޕީއެމް ޖަގަހައިގެ ކުރިމަތިންނެވެ. ޖަގަހަ ދޮރުމަތީގައި އިދކޮޅު ފަރާތްތަކުން ފެށި މުޒާހަރާގައި މިރޭ ވެސް ގޮވާލައިފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ފުލުހުން ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީ ދޫކޮށްލައި ސަރުކާރުގެ ސިޔާސަތުތަށް ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށެވެ. ދެން ހުރިހާ ވަގުތެއްގައި ވެސް އެއް އަޑަކަށް އޮތީ އެކި އެކި ނަންނަމުން ނިސްބަތްކޮށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވުމާއި އިދިކޮޅި ފަރާތްތަކުގެ މަސައްކްތަށް ކާމިޔާބު ދެއްވުމަށް ދުއާ ކުރުމެވެ.

ރައީސް "ހަމަލަ" ދެމުން އިދިކޮޅު މުޒާހަރާ ކުރިޔަށް ދިޔައިރު އެމްޑީޕީގެ މުޒާހަރާގެ ތެރެއިން އެކީ އެއް އަޑަކަށް ބާރަށް ގޮވަމުން ދިޔައީ އަވަގުރާނަ އެވެ. ނޫސްވެރިންގެ ހިމާޔަތުގައި ކުރާ މުޒާހަރާއެއް ކަމަށް ބުނާ ބޯޑުތައް ގެންގުޅުނު ނަމަވެސް އެފަދަ ޝުއޫރެއް ފާޅުކޮށްފަ އެއް ނުވެއެވެ. ނަމަވެސް ބައެއް ފަހަރު ފަހަރަށް ރާއްޖެ އޮތީ ރަނގަޅު ހާލަތުގައި ކަމަށާއި މިނިވަން ކުރަން ޖެހެނީ ޝަރުއީ ދާއިރާ ކަމަށް ގޮވާފައި ވެއެވެ.

އެހެން ރޭރޭތަކުގައި އިދިކޮޅު މުޒާހަރާގައި ބައިވެރިވާ އިސް ބައެއް ފަރާތްތަށް ނުފުނުނު ކަމުގައި ވީ ނަމަވެސް އުމަރު ނަސީރާޢި ގާސިމް އިބްރާހިމާއި އިމްރާން އަބްދުﷲ މުޒާހަރާއާ ގުޅި ވަޑައިގެން ވާހަކަދެއްކެވި އެވެ. އެބޭފުޅުން މުޒާހަރާއާ ގުޅިވަޑައިގެންނެވީ އެމްޑީޕީގެ މުޒާހަރާގެ އަވަގުރާނައިގެ އަޑު ގަދަވެ، ހިސާބަކަށް ދެފަރާތުގެ މެދުގައި ހަމަނުޖެހުން ހިނގައި ގާއުކައި ދެމީހަކަށް އަނިޔަވެސް ވީފަހުން ރަޔަޓް ފުލުހުން އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ވަށައިލައި ޗިކޯ ރެސްޓޯރެންޓާ ހަމައަށް ފައްސާލި ފަހުންނެވެ.

އެހިސާބުން އެމްޑީޕީގެ މުޒާހަރާގެ "ފުޅަ" ގޮވުން އޮތީ ދުރުގަ އެވެ. އިދިކޮޅު މުޒާހަރާގައި ރައީސް ނަޝީދު ދަންޖެއްސުމަށް ގޮވާލަމުން ދިޔައީ ބޮޑުތަކުރުފާނުގެ މަގުގެ ޕީޕީއެމް ޖަގަހައިގެން ދޮރުމަތިން ފެށިގެން ދުވާރުމަތީގަ އެވެ. އެގޮތަށް ދިޔައ ވަގުތުތަކުގައި ވެސް ދެ މުޒާހަރާގެ ބައިވެރިންގެ ބަހުގެ ހަމަލާތަށް ހޫނުވެ ދެ ފަރާތުން ފެންފުޅިއާއި ގާ އުކުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ވި އެވެ. އެގޮތުން އެމްޑީޕީ އެކްޓިވިސްޓެއްގެ ބޯފަޅައިގެން ދިޔައިރު އިދިކޮޅު މުޒާހަރާގެ ބައިވެރިވި އަންހެނެއްގެ ބޯވެސް ފެޅުނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުން ވަނީ ހަތަރު މީހަކު ކްލިޕުން ބަނދެގެން ގެންގޮސްފަ އެވެ.

މުޒާހަރާގައި އިތުރު ހަމަނުޖެހުމަށް ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި އެމްޑީޕީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައި ދުރުކޮށްފައެވެ. އަދި ހަރުގޭ ކުރިމަތީގައި މުޒާހަރާ ކުރަމުން ދިޔަ އިދިކޮޅު ފަރާތްތަށް ވެސް ފަހަތަށް ޖައްސައި މަގުގެ ދެފަޅީގެ ޕޭވްމަންޓާއި ކައިރީގައި ތިބުމަށް ފުލުހުން ދިޔައީ މެދުނުކެނޑި އިލްތިމާސް ކުރަމުންނެވެ.

ނަމަވެސް ޗިކޯ ރެސްޓޯރެންޓާ ހަމަޔަށް އެމްޑީޕީ މުޒާހަރާ ފަހަތަށް ޖެހުމުން އިދިކޮޅު ފަރާތްތަކުން މަގުމަށްޗަށް ނުކުމެ "ރަސްމީ" ކޮށް މުޒާހަރާ ކުރަން ފެށިއެވެ. މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގަށް ނުކުތުމާއެކު ޒުވާނަކު މުޒާހަރާއަށް ހުރަސް އެޅި ނަމަވެސް މަސްވެރިންގެ ޕާކާއި ހަމަޔަށް މުޒާހަރާގެ ކުރިއަށް ގެންދިޔައެވެ. އަދި މުޒާހަރާ ނިންމާލިކަން އިއުލާނުކުރީ އެ ސަރަހައްދުން ފުލުހުން މުޒާހަރާ އަށް ހުރަސްއެޅުމުން، ކުރިމަތިލުމަކަށް ނުގޮސް ސުލްހަވެރިކަމާއެކުގަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން އަނބުރާ ޖަގަހަ ކައިރިއަށް އައި މަގުމަތީގައި މުޒާހަރާއަށް ކުރިން ވެސް ހުރަސްއެޅި 10 ވަރަކަށް ޒުވާނަކު ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ހަމަނުޖެހުންތައް ހިންގައިފައެވެ. އަދި އެ ސަރަހައްދުގައި އަޑުގަދަކޮށް ހެދުމުން ގޭގޭގައި ނިދާފައިތިބި އަނބިދަރީންނަށް އުދަގޫވާކަމަށް ބުނެ އިދިކޮޅު މުޒާހަރާގެ ބައިވެރިއެއް ގަޔަށް އައްލައި ކޮށްޕާހެދުމުގެ އިތުރުން އަވަގުރާނަ ގޮވަމުން ދިޔަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ގޭންގުތަކަށް ނިސްބަތްވާ މީހުންނެވެ. އެމީހުންގެ މަންޒަރުތައް ފޮޓޯ ނަގަން ފެށުމުން ނޫސްވެރިންނަށް ބިރު ދައްކައި ވެސް ހެދި އެވެ. ނޫސްވެރިންނަށް އިންޒާރުދީ ކެމެރާތައް ހަލާކުކޮށްލާނެ ކަމަށް ވެސް ބުނަމުން ދިޔަ އެވެ. އެމީހުން ފަހުން ޖަލަޕީނޯ ރެސްޓޯރެންޓަށް އެރި އިރުގައިވެސް ފުލުހުން ނާދެ އެވެ. ނަމަވެސް އެ ހަމަނުޖެހުން ހިންގިތާ 10 ވަރަކަށް މިނެޓް ފަހުން ފުލުހުން އެސަރަހައްދަށް އައިސް ޖަލަޕީނޯ ރެސްޓޯރަންޓަށް ވަދެތިބި މީހުން ނެރެ ހައްޔަރުކޮށްގެން ވަނީ ގެންގޮސްފަ އެވެ.