ރާއްޖެއާ އިންޑިއާ އާދެމެދު ސޮއިކުރި އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅިގެން ސިފައިންގެ އިސްވެރިންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް ހުށަހެޅި މައްސަލައިގައި ބުރަދަނެއް ނެތް ކަމަށް ބުނެ، އެ މައްސަލަ ނުބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނިންމައިފި އެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހެޅީ މިއަދު އެވެ. އޭސީސީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އޭސީސީއަށް މައްސަލައެއް ބަލައިގަންނާނީ، ހުށަހަޅާ މައްސަލައިގައި ވަކި މައުލޫމާތުތަކެއް ފުރިހަމަވެގެން ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި މައުލޫމާތާއި ހެކި ވެސް ފުރިހަމަ ނުވާކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"އެ މައްސަލައިގައި ކޮރަޕްޝަނަށް ތުހުމަތުކޮށްފަ އެކަހަލަ ހެއްކެއް ބަޔާންކޮށްފަ އެއް ނެތް. އަދިއެއްވެސް ބުރަދަނެއް ހުރި މައުލޫމާތެއް އޭގަ ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި އެމްއެންޑީއެފްގެ އިސްވެރިން ރިޝްވަތު ހިފިކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.

ނަމަވެސް އެ ޑޮކިއުމެންޓަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުމެއްކަމަށާއި، އަސްކަރިއްޔާގެ އޮފިޝަލުން ރިޝްވަތުގައި ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ލިޔުމުގެ މައްސަލައިގައި ޑިފެންސް މިނިސްޓްރީން ވަނީ އަސްކަރިއްޔާގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހްތިރާމާއި ގަދަރު ނަގާލަން ކުރާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.