ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކަތަކަށް ބުރަވެ ހަބަރު ނުފަތުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މީޑިއާތަކަށް އަންގައިފި އެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި މިފަދަ އެންގުމެއް އަންގާފައި މިވަނީ، އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

އެ ލިޔުމުގައި ހުރި ވާހަކަތައް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ "ދިޔަރެސް" ނޫހުންނެވެ. އެ ނޫހުން ބުނެފައި ވަނީ، އެއްބަސްވުމުގެ ކޮޕީއެއް ލިބުނީ އެމްއެންޑީއެފްގެ އިސް ވެރިއެއްގެ ފަރާތުން ކަމަށެވެ.

ނަމަވެސް އެ ޑޮކިއުމެންޓަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްފައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގަކަށް ވާއިރު، އެ މިނިވަންކަމުގެ ހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކާކާއެކު ބޭނުންކުރަންޖެހޭ ހައްގެއް ކަމަށެވެ.

އެހެންކަމުން އެ ހައްގު ބޭނުންކުރުމުގައި މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވާއިދަށާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

"އެގޮތުން ހާއްސަގޮތެއްގައި، ފަތުރާ މައުލޫމާތާއި ހަބަރަކީ، ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާނަމަ، ނުވަތަ މުޖުތަމައުގެ އާންމު މަސްލަހަތާއި ރާއްޖެ އާއި ދޭދޭ ގައުމުތަކުގެ ގުޅުންތަކުގެ މަސްލަހަތު އޭގައި ހިމެނޭ މައުލޫމާތެއް ނަމަ، އެފަދަ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ތޯތޯ ވާހަކަތަކަށް ބުރަވެ ހަބަރު ފެތުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ބަޔާނުގައިވެ އެވެ.

ހަމަ އެހެންމެ އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްގުތަކަށް އުނިކަމެއް އަތުވެދާނެ ފަދަ މައުލޫމާތަކަށް ވާނަމަ، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މި ކައުންސިލްގެ ގާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާވެސް ހިލާފު ކަމެއް ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ވަނީ ހަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ދެފަރާތުގެ ބަސް ވެސް ހިމަނައިގެން ހަބަރާއި މައުލޫމާތު ޝާއިއުކުރުމަށް މި ކައުންސިލްގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރާކަން ހަނދާންކޮށްދީފަ އެވެ.

ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ތެދު މައުލޫމާތުކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި، އިސްލާމް ދީނާއި ހިލާފު ހަބަރާއި މައުލޫމާތާއި، ރާއްޖެގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލޭ ގޮތަށް ގަސްތުގައި ހަބަރާއި މައުލޫމާތު ދިނުމަށް ހިތްވަރު ނުދިނުމަށް ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑުގައި ބުނެފައިވާކަން ވެސް އެމްއެމްސީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މައުލޫމާތު ހޯދުމާއި ހިޔާލު ފާޅުކުރުމާއި ފާޑުކިޔުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަށް މީޑިއާ ކައުންސިލުން ވަނީ ބާރު އަޅައިފަ އެވެ.