04 Feb 2012, 23:13
އެކި މަރުހަލާތަކުގެ ކޯޓްތަކުގެ ފަނޑިޔާރުން ގުޅިގެން، މައްސަލަތަކުގައި ނިޔާ ކަނޑައަޅަނީ ބޭނުންވާ ގޮތަކަށް ކަމަށާއި ސުޕްރީމް ކޯޓުން ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގައި ކުރިއަށްދާ ސިލްސިލާ އެއްވުންތަކާ ގުޅިގެން ހިނގަމުންދާ ހަމަނުޖުހުންތައް ހުއްޓުވުމަށް ސާމާލަތީ ބާރުތަކުން ކުރަމުންދާ މައްސައްކަތާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭގެފާނާއި ހޯމް މިނިސްޓަރު ހަސަން އަފީފު ކޮމެޓީއަށް ހާޒިރު ކުރެއްވުމުން ވިދާޅުވީ ހަމަނުޖެހުންތައް ނުހުއްޓުވެނީ ކޯޓްތަކުގެ ސަބަބުން ކަމަށެވެ.
އަފީފު ވިދާޅުވީ މުޒާހަރާތަކުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުން ދޫކޮށްލަނީ ކޯޓްތަކުން ކަމަށާއި ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ފުރުސަތެއް ނުދޭ ކަމަށެވެ.
ދަށު ކޯޓުން އެ މީހުން ދޫކޮށްލުމުން މަތީ މަރުހަލާގެ ކޯޓްތަކަށް އެ މައްސަލަ އިސްތިއުނާފު ނުކުރަނީ ކީއްވެގެންތޯ މެންބަރަކު ސުވާލު ކުރެއްވުމުން ވިދާޅުވީ މައްސަލަތައް އިސްތިއުނާފު ކުރަމުންދާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން، އެފަދަ މައްސަލަތައް އިސްތިއުނާފު ކުރެވެނީ ޕްރޮސެކިއުޓާ ނެނަރަލްގެ އޮފީހަށް ކަމަށް އަފީފު ވިދާޅުވި އެވެ.
އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި އެދުމުން ވެސް ޕީޖީ އަމަލުފުޅު ކުރައްވަނީ ބޭނުން ގޮތަކަށް ކަމަށް އަފީފު ވިދާޅުވި އެވެ.
އިސްތިނުނާފު ކުރާ މައްސަލަތަކުގައި ވެސް ފަނޑިޔާރުން ނިންމުންތައް ނިންމަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅިގެން ބޭނުން ގޮތަކަށް ކަމަށާއި ސުޕްރީމް ކޯޓުން ވެސް ގާނޫނު އަސާސީއާ ހިލާފަށް ނިންމުންތަކެއް ނިންމާފައިވާ ކަމަށް އަފީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ފަނޑިޔާރުންގެ ނިޔާ ކަނޑައަޅުއްވަނީ ބޭނުން ގޮތަކަށް ކަމަށް އަފީފު ވިދާޅުވި އެވެ.
މާލޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ ޝަރުއީ ކޯޓްތައް ކަމަށް އިޝާރާތް ކުރައްވާ އަފީފު ވިދާޅުވީ ކޯޓް އަމަލް ކުރުމުން އާންމު މަސްލަހަތު ގެއްލި، ހަމަނުޖެހުމަށް ފުރުސަތު ލިބޭ ކަމަށެވެ.