ބޭނުންވާ އަދަދަށް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައި ނުވާތީވެ، ފަސް ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާންގައި ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ރިސޯޓުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އިއުލާންގައި ބުނެ އެވެ،

ވޯޓު ފޮށި ނުބައްހަޓަން ނިންމި ރިސޯޓުތައް:

  1. ބ. ކިހާދުއްފާރު

  2. ޅ. މަދިގުރައިދޫ
  3. ރ. ކޮއްޓެފަރު
  4. އދ. ތެލުވެލިގާ
  5. ދޫރެސް

އިއުލާންގައި ބުނީ، އެ ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިން، ކުކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމަށް އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު މިއަދު ވިދާޅުވީ، އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ދޭން ޖެހޭ މީހުންނަށް މި ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ފަސް ކުރި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.