18 Mar 2021, 12:38
ވޯޓުގެ ސިއްރުކަން ގެއްލޭނެތީ، 8،000 މީހަކަށް އަލުން ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިމަހު ދެވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވީ މިދިޔަ ބުރާސްފަތި ދުވަހަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ޓްވިޓާގައި ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވި އިރު، 8،000 ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
"މި ފަރާތްތަކަށް އަލުން މިހާރު ރަޖިސްޓާކޮށްފައިވާތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވާން މި ހަފްތާގައ ފުރުސަތު ހުޅުވާލާނަން،" ޝަރީފު ވިދާޅުވި އެވެ.
ބައެއް ފޮށިތަކަށް އެންމެ ދާއިރާއެއްގެ މީހަކު ރަޖިސްޓްރީވާނަމަ، އޭނާގެ ވޯޓުގެ ސިއްރުކަން ގެއްލެެ އެވެ.
މިދިޔަ އަހަރު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. އެއާއެކު އިންތިހާބު ފާސްކުރީ މަޖިލީހުން އެކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައިގެންނެެވެ. އެ ގާނުނުގެ ދަށުން އިންތިހާބު ބޭއްވުމަށް ސަލާމަތީ ފިޔަވަޅުތަކާއި އެކު އިންތިހާބު ބާއްވާނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އާންމުކޮށްފަ އެވެ.