18 Mar 2021, 12:47
ޑާކާ (މާޗް 18) : ބަންގްލަދޭޝް ގައި ތިބި ރޮހިންގްޔާ ރެފިއުޖީންނަށް ހާއްސަކޮށްގެން އެމީހުން ވަގުތީގޮތުން ވަޒަންވެރި ކުރުވުމަށް ބަންގްލަދޭޝްގެ ސަރުކާރުން މަސައްކަތްކުރާ ރަށްކަމަށްވާ ބަސަން ޗާރް ޖަޒީރާއަށް އދ. ގެ ވަފުދެއް ފުރަތަމަ ފަހަރަށް ޒިޔާރަތްކޮށްފި އެވެ.
އިއްޔެއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރާ މިޒިޔާރަތުގައި އެރަށުގައި ރޮހިންގްޔާއިން ވަޒަންވެރިކުރުވާ ގޮތާއި އެކަމުގައި ރޮހިންގްޔާ އިންގެ ހިޔާލު ހުރިގޮތް އަދި އެރަށުގެ ހާލަތު އދ. ގެ ޓީމުން ބަލާނެ އެވެ. ބަންގްލާދޭޝް ސަރުކާރުންވަނީ އެގައުމުގައި ދިރިއުޅެމުންދާ ރޮހިންގްޔާ ރެފިއުޖީންގެ ތެރެއިން ލައްކައެއްހާ މީހުން ބަސަން ޗާރް ޖަޒީރާގައި ވަގުތީ ގެތަކެއް އެޅުމަށްފަހު އެގެތަކަށް ބަދަލުކުރުމަށް ނިންމާފަ އެވެ.
ބަސަން ޗާރް ޖަޒީރާ އަކީ ބޭ އޮފް ބެންގޯލް ސަރަހައްދަށް އައި ތިމާވެށީގެ ބޮޑެތި ބަދަލުތަކަކާ ގުޅިގެން އުފެދުނު ވަރަށް ބިންތިރި ޖަޒީރާއެކެވެ. އެހެންކަމުން، އެއީ ފެންބޮޑުވުގެ ފުރުސަތު ބޮޑު ރަށަކަށްވެފައި އެއީ ގިރައިގެންވެސް ހިނގައިދާނެ ކަމުގެ ބިރުއޮތް ރަށެއްކަމުން އެއީ މީހުން ދިރިއުޅެން އެކަށީގެންވާ ރަށެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ބަސަންޗާރު ޖަޒީރާގައި ރޮހިންގްޔަ ރެފިއުޖީންނަށް ބަންގްލަދޭޝްގެ ސަރުކާރުން އަޅައިދޭ ގެތަށް
މިކަމަށް އެންމެ ބޮޑަށް ފާޑުކިޔަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނެވެ. މީގެއިތުރުން ރޮހިންގްޔާއިން އެ ޖަޒީރާއަށް ބަދަލުކުރަނީ އެމީހުންގެ ނުރުހުމުގައި ކަމަށް ބައެއް ފަރާތްތަކުން ބުނާބުނުމަކީވެސް އެ ޖަމްއިއްޔާތަކުން ކަންބޮޑުވަކަމެކެވެ.
ރޮހިންގްޔާއިން އެ ޖަޒީރާއަށް ބަދަލުކުރަނީ އދ. އާވެސް މަޝްވަރާ ނުކޮށްކަމަށް ހަބަރުތައް ބުނެ އެވެ. ނަމަވެސް މިމައްސަލާގައި އދ. އިން ފާޅުގޮތެއްގައި ބަންގްލަދޭޝް އަށް ފާޑުކިޔާފައެއް ނުވެ އެވެ.
ރޮހިންގްޔާ ރެފިއުޖީންގެ މިލިޔަނަކަށްވުރެ ގިނަ މީހުން ބައިބޯ ކޭންޕްތަކެއްގައި ދިރިއުޅެމުންދާއިރު އޭގެތެރެއިން 13 ހާސް މީހުން މިހާތަނަށް ވަނީ ބަސަން ޗާރް ޖަޒީރާ އަށްވަނީ ބަދަލުކޮށްފަ އެވެ. ބަސަން ޗާރް ޖަޒީރާގެ ކަންކަން ހުރިނެތް ގޮތް ބެލުމުގެ ހުއްދަ އެ އދ. އަށް ދިނުމަށް ބަންގްލާދޭޝް ސަރުކާރުން ކުރިންވަނީ ދެކޮޅުހަދާފަ އެވެ.
ބަންގްލަދޭޝް ގެ ސަރުކާރު ބުނާގޮތުން ރޮހިންގްޔާއިން ބަސަން ޗާރް ޖަޒީރާ އަށް ބަދަލުކުރަނީ ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތްތައް އެރަށުގައި ގާއިމްކޮށް، ފެންބޮޑުވުންފަދަ ކަންކަމުން ސަލާމަތްވާނެ ވަސީލަތްތައް ގާއިމް ކުރުމަށްފަހު އެވެ.
މިއީ ރޮހިންގްޔާއިން މިހާރު ދިރިއުޅޭ ރެފިއުޖީ ކޭންޕުތަކުގައި އޮންނަ ތޮއްޖެހުން ބޮޑުކަމުން އެކަން ކުޑަކުރުމަށާއި ކޭމްޕްތަކުގައި ހިނގާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ކުރާކަމެއްކަމަށްވެސް ބަންގްލަދޭޝް ގެ ސަރުކާރު ބުނެ އެވެ. (ނޫސްއެޖެންސީތައް)