ތެއްތިރީސް ދާއިރާއަކުން ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތަކަށް، ކުންފުނި، ޖަމްއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅަން ޖެހެނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ބުންޏެވެ.

ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުއްވުމަށް ސަމާލުކަން ދިނުމަށް ގައުމީ އިނާމާބެހޭ ކޮމިޓީއިން އިލްތިމާސް ކުރެއެވެ.

ގައުމީ އިނާމު ދޭނެ މައިގަނޑު ދާއިރާތައް

  1. ކީރިތި ގުރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރުއާނުގެ އިލްމުގެ ދާއިރާ
  2. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ
  3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ
  4. ދިވެހި ތާރީހުގެ ދާއިރާ
  5. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ
  6. ގައުމީ ތަރިކައިގެ ދާއިރާ
  7. ތައުލީމީ ދާއިރާ
  8. ސިއްހީ ދާއިރާ
  9. ގާނޫނީ ދާއިރާ
  10. އިޖުތިމާއީ ރައްކާތެރިކަމާއި، އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާ
  11. ދައުލަތުގެ ގަވަނަންސް ހަރުދަނާކުރުމުގެ ދާއިރާ
  12. ތިމާވެއްޓާއި ހަކަތައިގެ ދާއިރާ
  13. މަސްވެރިކަމުގެ ދާއިރާ
  14. ފަތުރުވެރިކަމުގެ ދާއިރާ
  15. ދަނޑުވެރިކަމުގެ ދާއިރާ
  16. އާދަޔާ ހިލާފު ހިތްވަރުގަދަ ކަމުގެ ރޮނގު (ބްރޭވަރީ)
  17. އިޖުތިމާއީ ހިދުމަތުގެ ދާއިރާ
  18. ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ
  19. ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ
  20. ބޯޓް ބިލްޑިންގެ ދާއިރާ
  21. މަސައްކަތްތެރިކަމުގެެ ދާއިރާ
  22. ޑައިވިންގެ ދާއިރާ
  23. ހެއާ އެންޑް ބިޔުޓީގެ ދާއިރާ
  24. އިމާރާތް ކުރުމާއި އިމާރާތް ފަރުމާ ކުރުމުގެ ދާއިރާ
  25. ދަތުރު ފަތުރުގެ ދާއިރާ
  26. މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާ
  27. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
  28. ކުޅިވަރުގެ ދާއިރާ
  29. ވިޒުއަލް އާޓްސްގެ ދާއިރާ
  30. ޕާފޯމިން އާޓްސްގެ ދާއިރާ
  31. އެޕްލައިޑް އާޓްސްގެ ދާއިރާ
  32. އަންހެނުންގެ ދާއިރާ
  33. ޒުވާނުންގެ ދާއިރާ

އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބޭނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑު ކުރެވޭނެ އެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އާ ދެމެދު ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ އެވެ.

ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމާއި، ފޯމާއެކު ހުށަހަޅާންޖެހޭ އެހެނިހެން މައުލޫމާތާއި ތަކެތި ފޮނުވާނީ، "ގައުމީ އިނާމާބެހޭ ކޮމެޓީ" އަށް އެޑްރެސްކޮށް، ރައީސް އޮފީހަށް ކަމަށާއި އީމެއިލް ކުރާނަމަ، ފޮނުވާނީ[email protected]އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމު ދެނީ ގައުމީ ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ ހަފްލާގައެވެ. ގައުމީ އިނާމު ދެ ގިންތިއަކަށް ދޭއިރު އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.