18 Mar 2021, 10:13
ޑޮޑޯމާ (މާޗް 18): ޓެންޒޭނިއާގެ ރައީސް ޖޯން މަގުފޫލީ، 61، އަވާހަރަވެއްޖެ ކަމަށް އެގައުމުގެ ނައިބު ރައީސް ސާމިއާ ސުލުހޫ ހަސަން ވިދާޅުވެއްޖެ އެވެ.
ހަސަން ވިދާޅުވި ގޮތުގައި މަގުފޫލީ އަވަހާރަވީ ހިތުގެ މައްސަލައެއްގެ ސަބަބުން އެގައުމުގެ ދާރުއްސަލާމްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.
"އަޅުގަނޑުމެންގެ ހިތްވަރުގަދަ ލީޑަރު، ޓެންޒޭނިއާގެ ރައީސް ޖޯން ޕޮމްބޭ މަގުުފޫލީ އަވަހާރަވިކަން ވަރަށް ހިތާމައާ އެކު ދަންނަވަން،" ދައުލަތުގެ ޓީވީ މެދުވެރިކޮށް ހަސަން ވިދާޅުވި އެވެ.
މަގުފޫލީގެ އަވަހާރަވުމާ ގުޅިގެން ޓެންޒޭނިއާގައި 14 ދުވަހަށް ހިތާމަ ފާޅުކޮށް، ގައުމުގެ ދިދަ ބައިދަނޑިއަށް ތިރި ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މިދިޔަ އަހަރު ރައީސްކަމުގެ ދެ ވަަނަ ދައުރަކަށް އިންތިހާބުވި މަގުފޫލީގެ ދައުރުގެ ބާކީ ބައި ފުރިހަމަ ކުރައްވާނީ ހަސަން އެވެ. އެހެންކަމުން އޭނާވެ ވަޑައިގަންނަވާނީ ޓެންޒޭނިއާގެ ފުރަތަމަ އަންހެން ރައީސަށެވެ.
މަގުފޫލީ އެންމެ ފަހުން އާއްމު ތަނަކުން ފެނިފައި ވަނީ މިދިޔަ މަހުގެ 27ގަ އެވެ. އަދި އޭނާއަށް ކޮވިޑް-19 ޖެހިގެން ކެންޔާގައި ފަރުވާ ދިން ކަމަށް ޓެންޒޭނިއާގެ އިދިކޮޅު ލީޑަރު ތުންޑު ލިއްސޫ ވިދާޅުވި އެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެގައުމުގެ ބޮޑުވަޒީރު ކާސިމް މަޖަލިވާ ވަނީ ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ ވާހަކަ ފަތުރަނީ ނަފްރަތު އުފައްދާ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ.
ދުނިޔޭގައި ކޮވިޑް-19 ފެތުރެމުން ދިޔަ އިރު އެ ބަލީގެ ސީރިއަސް ކަމާ މެދު މަގުފޫލީ ޝައްކު އުފެއްދެވި އެވެ. އަދި ޓެންޒޭނިއާގައި ބަލީގެ ކޭސްތައް އިތުރުވުމުން އެއީ ޓެސްޓު ކިޓުތަކުގެ މައްސަލައެއް ކަމަށް ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން ޓެންޒޭނިއާ އިން މިދިޔަ ޖޫން މަހު ކޮވިޑް ނައްތާލާފައިވާ ކަމަށް މަގުފޫލީ ވިދާޅުވި ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގައުމުގައި ބަލީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް އެގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ބުނެފަ އެވެ.
ޓެންޒޭނިއާގެ އިގުތިސާދަކީ މިހާރު އެފްރިކާގެ އެންމެ އަވަހަށް ކުރި އަރަމުން އަންނަ އެއް އިގްތިސާދެވެ. ނަމަވެސް މަގުފޫލީގެ ވެރިކަމުގައި އެގައުމުގެ ޑިމޮކްރެސީގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އޭނާ ވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން މަސައްކަތްކޮށްފައި ކަމަށް އޮބްޒާވަރުން ބުނެ އެވެ. އެގޮތުން 2015 ވަނަ އަހަރު އޭނާ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިދިކޮޅު ފަރާތްތަކުން ސިޔާސީ އެއްވުންތައް ބޭއްވުން މަނާކޮށް، ގިނަ އަދަދެއްގެ މީޑިއާތަކުގެ މަސައްކަތް ހުއްޓުވާފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު 28ގައި ބޭއްވި އިންތިހާބުގެ ކުރިން ބައެއް އިދިކޮޅު ކެންޑިޑޭޓުން ހައްޔަރުކޮށް، ކެމްޕޭން ކުރުން ހުއްޓުވާ، އިންތިހާބުގައި ވާދަ ކުރުން ހުއްޓުވާފައިވެ އެވެ.
ޓެންޒޭނިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ އެ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެ އިންތިހާބުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށާއި ވޯޓުގެ ތަފާތު ބޮޑު ކަމުން ނަތީޖާއާ މެދު ޝައްކު އުފެދޭ ކަމަށް އެމެރިކާއިންވެސް ވަނީ ބުނެފަ އެވެ.