18 Mar 2021, 09:18
އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ ދެކަނބަލުންމި ފަހުން ދިން ވަރުގަދަ އިންޓަވިއުއަށް ފަހު ފުރަތަމަ ފަހަރަށް އޭނާގެ ބައްޕަ ވަލީއަހުދު ޗާލްސް އަދި ބޭބެ ޕްރިންސް ވިލިއަމްއާ ފޯނުން ވާހަކަދައްކައިފި އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އިނގިރޭސި ޝާހީ އާއިލާއާ ދުރަށް ދިއުމަށް ހެރީ އަދި އަނބިކަނބަލުން މޭގަން މާކަލް ނިންމަވައި، ކެނެޑާ އާއި އެމެރިކާއަށް ހިޖުރަކުރެއްވުމާ ގުޅިގެން އެ ދެކަނބަލުންނާ މެދު ޝާހީ އާއިލާގެ މެމްބަރުންގެ ހިތްތައް ހުރީ ނުތަނަވަސް ވެފަ އެވެ. އެ ނިންމުން ދާއިމީ ކުރުމަށް މި އަހަރުގެ ތެރޭގައި ނިންމި އިރު، އެ ކަންކަމުގެ ފަހަތުގައި ހުރި ސަބަބުތައް ކިޔައިދިނުމަށް ޓަކައި އެ ދެކަނބަލުން ވަނީ މި މަހުގެ ތެރޭގައި ޓޯކްޝޯ ހޯސްޓް އޯޕްރާ ވިންފްރީއަށް ވަރުގަދަ އިންޓަވިއުއެއް ދެއްވާފަ އެވެ.
އެ އިންޓަވިއުގައި ޕްރިންސް ހެރީ ވިދާޅުވީ އޭނާގެ ބައްޕަ ޕްރިންސް ޗާލްސްއާ ވާހަކަ ދެއްކެނީ ވަރަށް މަދުން ކަމަށާއި ފަހުން ފަހުން އައިސް ޗާލްސް އޭނާގެ ކޯލުތަކަށް ޖަވާބު ދެއްވުން ވެސް ހުއްޓަލެއްވި ކަމަށެވެ. އަދި ބޭބެ ޕްރިންސް ވިލިއަމްއާ ވެސް މާ ގާތް ގުޅުމެއް މިހާރު ނެތްކަމަށް ޗާލްސް ވިދާޅުވި އެވެ.
މާޗް 11ގައި ޕްރިންސް ވިލިއަމް ލަންޑަނުގެ ސްކޫލަކަށް ކުރެއްވި ޒިޔާރަތަކަށް ފަހު ވަޑައިގަންނަވަނިކޮށް އެ ސަރަހައްދުގައި ހުރި ނޫސްވެރިއަކު ވަނީ އޭނާގެ ކޮއްކޮއާ މިހާރު ވާހަކަ ދައްކައިފިންތޯ ސުވާލު ކޮށްފަ އެވެ. ޖަވާބުގައި "އަދި ވާހަކައެއް ނުދައްކަން، އެކަމަކު ވަރަށް އަވަހަށް ދައްކާނަން،" ކަމަށް ވިލިއަމް ވިދާޅުވެ އެވެ.
ސީއެންއެން އިން އިއްޔެ ރިޕޯޓުކުރި ގޮތުގައި ޕްރިންސް ހެރީގެ ބައްޕަ ޗާލްސް އަދި ބޭބެ ވިލިއަމް މި ފަހުން ވަނީ ފޯނުން ގުޅައި ހެރީއާ ވާހަކަ ދައްކަވާފަ އެވެ.
ސީބީއެސްގެ "ދިސް މޯނިންގް" ޝޯގެ ކޯ ހޮސްޓް އަދި ހެރީ އާއި މޭގަންއާ ގާތް ގޭލް ކިންގް މިިދިޔަ ހަފްތާ ބަންދުގައި އެ ދެމަފިރިންނަށް ގުޅައި ހާލު ބެލި އިރު، ހެރީއަށް އޭނާގެ ބައްޕައާއި ބޭބެ ގުޅައި ވާހަކަދެއްކެވިކަން އެނގުނީ އެ ކޯލުންނެވެ.
"ހެރީ އޭނާގެ ބޭބެ އާއި ބައްޕައާ ވާހަކަދައްކައިފި. އަހަރެން ގާތުގައި ބުނީ އެ ވާހަކަތައް އެހާ އުފެއްދުންތެރި ނޫންކަމަށް އެކަމަކު އެންމެ ކުޑަމިނުން އެ ތިންބޭން ވާހަކަދައްކަން ފެށީތީ އަހަރެން ހިތްހަމަޖެހިއްޖެ،" ގޭލް ކިންގް ބުންޏެވެ.
އެ ދެމަފިރިންނާ ހަވާލައިދީ ގޭލް ކިންގް ބުނީ އޯޕްރާއަށް ދިން އިންޓަވިއުއަށް ބަކިންހަމް ޕެލެސްއިން ދިން އިޖާބައާ މެދު އެ ދެމަފިރިން ތިބީ ނުތަނަވަސްވެފައި ކަމަށެވެ.
"އަހަރެންނަށް ހީވަނީ އެމީހުން ނުތަނަވަސް ވަނީ އާއިލާ ތެރޭގައި ޖެހިފައި އޮތް މައްސަލަ ޕްރައިވެޓްކޮށް ހައްލުކުރާނެކަމަށް ގަނޑުވަރުން ބުނާތީހެން. އެކަމަކު އަދި ވެސް މޭގަންގެ އަގު ވެއްޓޭ މޭރުމުން ހަގީގަތާ ހިލާފު ވާހަކަތަކެއް އަދިވެސް ދަނީ ބަޔަކު މީހުން ފަތުރަމުން،" ގޭލް ބުންޏެވެ.
އޯޕްރާއަށް ދިން އިންޓަވިއުގައި ހެރީއާއި މޭގަންއަށް ލިބޭ ދަރިފުޅުގެ ހަމުގެ ކުލައާ ބެހޭ ގޮތުން ޝާހީ އާއިލާގެ މެމްބަރަކު ކަންބޮޑުވުން ފާޅުކުރިކަމަށް އެ ދެމަފިރިން ވިދާޅުވިއެވެ. އަދި އެއީ ކާކުކަން ހާމަވެއްޖެނަމަ އެކަން ވާނީ "އެމީހަކަށް ވަރަށް ގެއްލުންތަކަކާ ކުރިމަތިވާނެ ކަމެއް" ކަމަށް ހެރީ ވިދާޅުވެއެވެ. ނަމަވެސް އެއީ އޭނާގެ މާމަ ރާނީ އެލިޒަބެތު އަދި ކާފަ ޕްރިންސް ފިލިޕް ނޫންކަން އޭނާ ސާފުކޮށްދެއެވެ.
މޭގަންއާ ދޭތެރޭގައި ޝާހީ އާއިލާއިން ނަސްލީ ތަފާތުކުރުން ގެންގުޅޭކަމަށް ބުނެފައިވާ ބުނުމަ ގުޅޭގޮތުން މިދިޔަ ހަފްތާގައި ބަކިންހަމް ޕެލެހުން ބުނީ އެވާހަކަތަކަކީ ކަންބޮޑުވުން ހުރި ވާހަކަތަކެއް ކަމަށާއި، އެކަން ޕްރައިވެޓްކޮށް ބަލަމުން ދާނެ ކަމަށެވެ.
"އަދި މިހާތަނަށް ޝާހީ އާއިލާގެ އެއްވެސް މީހަކު މޭގަންއާ ވާހަކަދައްކާފައެއް ނުވޭ. އަހަރެންނަށް ހީވަނީ އެ ދެމަފިރިންނަށް އުނދަގޫވަނީ ޝާހީ އާއިލާއަށް މިކަން ފެންނަނީ އެ އާއިލާއަށް ރައްދުވާ ނަސްލީ ތަފާތުކުރުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވާތީހެން. އެކަމަކު އެ ދެމަފިރިން ބޭނުންވެގެން އުޅެނީ މޭގަންއާ ބެހޭގޮތުން ނޫސްތަކުން ފަތުރާ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ހުއްޓުވަން އާއިލާގެ އެހީތެރިކަމަށް." ގޭލް ބުންޏެވެ.
އެހެން ނަމަވެސް ވެނިޓީފެއާ މެގަޒިނުން ރިޕޯޓުކުރި ގޮތުގައި ޕްރިންސް ވިލިއަމް ހުންނެވީ އިންޓަވިއުއާ ގުޅިގެން ހެރީ ދެކެ ވަރަށް ބޮޑަށް ކޯފާވެފައެވެ.
އަދި މި އަހަރުގެ ޖުލައި މަހު އެ ދެބޭންގެ މަންމާފުޅު ޕްރިންސެސް ޑަޔާނާގެ 60 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބަހައްޓާ ސްޓެޗޫއެއް އިފްތިތާހުކުރުމުގައި ދެ ބޭފުޅުން އެކުގައި އުފާވެރިކޮށް ފެނުމަކީ ވާނެ ކަމެއް ކަމަށް ހީނުކުރާ ކަމަށް ވެނިޓީފެއާއާ ވާހަކަދެއްކި ސިއްރު މަސްދަރަކުން ބުބންޏެވެ.
"އޯޕްރާ އިންޓަވިުއާ ގުޅިގެން ވިލިއަމް ހުރީ ހެރީ ދެކެ ވަރަށް ރުޅި އައިސްފައި. ދެބޭން އެކުގައި ޑަޔާނާގެ ސްޓެޗޫ އިފްތިތާހުކުރާ ރަސްމިއްޔާތުގައި އުފާވެރިކޮށް ތިބޭނެ ވަގުތުކޮޅެއް ހިޔާލަށް ގެނައުންވެސް މިވަގުތު އުނދަގޫ. އާންމުންނަށް ބަދަހިކަން ދެއްކުމަށްޓަކައިވެސް އެ ގުޅުން ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރަންޖެހޭނެ،" ވެނިޓީފެއާއާ ވާހަކަދެއްކި މަސްދަރުން ބުންޏެވެ.
ޑަޔާނާގެ 60 ވަނަ އުފަންދުވަހާ ގުޅިގެން ވިލިއަމް އަދި ހެރީ އެކުގައި ޚަރަދުކުރައްވައި ތައްޔާރުކުރި މަންމާފުޅުގެ ސްޓެޗޫ ބަހައްޓަނީ ކެންޒިންޓަން ޕެލެސްގައެވެ.