18 Mar 2021, 08:35
އެމެރިކާގައި ސްޕިރިޓް އެއާލައިންސްއިން އާއިލާއާ އެކު ދަތުރުކުރަން ދިޔަ ހަތަރު އަަހަރުގެ އޯޓިސްޓިކް ކުއްޖެއް މާސްކް ނޭޅުމުން ފްލައިޓުން ބޭރުކޮށްފިއެވެ. އެއާލައިނުން ބުނާގޮތުން ދެ އަހަރުން ދަށުގެ ކުޑަކުދިން ނޫން އެހެން ހުރިހާ ފަސިންޖަރުންނަށް މާސްކް އެޅުމަކީ މަޖުބޫރުކަމެކެވެ.
ކާޓާ ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ ދަތުރުކުރުމަށް ހަމަޖެހިފައިި އޮތީ އޭނާގެ މަންމައާއި ބައްޕައާއިއެކު އެމެރިކާގެ ލަސް ވޭގަސްއިންނެވެ. އެމެރިކާގެ ސިއްހީ ގަވާއިދުތައް ބުނާގޮތުގައި ސިއްހީ ގޮތުން އިސްތިސްނާ ދެވިފައިވާ ފަރާތްތައް ކޮންމެހެން މާސްކް އަޅާކަށް ނުޖެހޭނެއެވެ.
ކާޓާގެ މަންމަ ކެލީ ކިމްބަލް މީޑިއާތަކުގައި ބުނެފައިވާގޮތުގައި ދަރިފުޅު ގޮވައިގެން ފްލައިޓްއަށް އެރީ މާސްކް ނޭޅޭކަމުގެ ލިޔުމަލާވެސް އެކުގައެވެ. މިގޮތުން ކާޓާއަކީ އޯޓިސްޓިކް ކުއްޖެއްކަމުން މާސްކް އަޅައިފިނަމަ ނޭވާ ހިފަހައްޓައިގެން ހުންނާތީ އަދި މާބޮޑަށް ތެޅިފޮޅިގަނެ ހާސްވެދާނެތީ ޑޮކްޓަރުންވަނީ އޭނާ މާސްކް ނޭޅުމަށް އިރުޝާދުވެސް ދީފައެވެ.
މި ހާދިސާ ހިނގާފައިވަނީ ސްޕިރިޓް އެއާލައިންސްގައި ކަމުގައިވާއިރު، ކާޓާގެ ބައްޕަ އެ ލިޔުން ފްލައިޓްގެ ކްރޫއިންނަށް ދެއްކުމުން އޯޓިޒަމްއަކީ ނުކުޅެދުންތެރިކަމެއް ނޫންކަމުގައި ކްރޫއިން ބުނިކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި މާސްކު އަޅަން މަޖުބޫރުކޮށް، ނާޅައިފިނަމަ ފްލައިޓުން ފޭބުމަށް އެންގިކަމަށްވެސް ކުއްޖާގެ މައިންބަފައިން ބުނެފައިވެއެވެ.
ސްޕިރިޓް އެއާލައިންސްގެ ފްލައިޓުން ބޭރުކުރުމުން އެ އާއިލާ ފަހުން ދަތުރުކުރީ އެމެރިކަން އެއާލައިންސް ގައެވެ.
މި ހާދިސާއާއި ބެހޭގޮތުން ސްޕިރިޓް އެއާލައިންސްއިން ބުނެފައިވަނީ މި ވަގުތު އެ އެއާލައިނުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެފަދަ ބަލިތަކަށް އިސްތިސްނާއެއް ދެވެން ނެތްކަން އާއިލާއަށް ކިޔައިދިން ކަމަށެވެ. އަދި 22 މާޗުގެ ފަހުން އެ އުސޫލަށް ބަަދަލުގެނެސް ސިއްހީ ގޮތުން މާސްކް އެޅުމުން އިސްތިސްނާވާ މީހުންނަށް މާސްކް ނާޅާ ދަތުރުކުރުމުގެ ހުއްދަ އެ އެއާލައިނުން ދޭނެކަމަށެވެ.