ދައުލަތަށް ގެއްލުންވާ ގޮތަށް ބޭސްތަކެއް އެތެރެކުރި މައްސަލައެއްގައި އެސްޓީއޯގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީގެ އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އޭސީސީ އިން އެދުނީ އެސްޓީއޯގެ މެޑިކަލް ސާވިސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ ގުލްޒާރުގޭ، ހުސައިން ސޮބާހާއި އެ ޑިޕާޓްމަންޓުގެ ޕްލޭނިން މެނޭޖަރު ފުވައްމުލަކު ޖިއްދާ، ހަމްދާން ފާއިޒުގެ މައްޗަށެވެ.

އޭސީސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދުނީ މެއި 27، 2016ގައި އެސްޓީއޯ އިން އެތެރެކުރި "އެޓޮކޯ" ބޭހުގެ މުއްދަތު މާޗު، 2018 އަށް ހަމަވި ނަމަވެސް އެ ބޭހުގެ ބޮޑު ބައެއް ބާކީ ވެފައި ހުއްޓައި އޭގެ އިތުރު ބެޗެއް ޑިސެމްބަރު، 2018ގައި އޯޑަރުކުރި މައްސަލާގައި ކަމަށެވެ.

އޭސީސީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެޓޮވަސްޓެޓިންގެ ބްރޭންޑެއްކަމަށްވާ އެޓޮކޯގެ 40 މިލް ގްރާމް، އަލަށް ރާއްޖެ ގެނައުމަށް، އިތުރު ބޭސް ހިމެނޭ ގޮތަށް، އެސްޓީއޯ އިން ބޭރުގެ ބޭސް އުފައްދާ ކުންފުންޏަކާ އެކު 2015ގައި ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓެއްގައި ސޮއިކުރި ކަމަށެވެ. އަދި ބޭހުގެ 40 މިލި ގްރާމަކީ އޭގެ ކުރިން ގެނެސްފައިނުވާ އެ ބޭހުގެ އައު ޑޯސޭޖެއްކަމަށްވާ އިރު، ރާއްޖޭގެ މާކެޓްގައި އެ ބޭހުގެ ބޭނުން އޮތް މިންވަރު ބަލާފައިވާކަން އެނގެން ނެތް ކަމަށެވެ.

އެ ބޭހަކީ ހާޓް އެޓޭކް ނުވަތަ ސްޓްރޯކްޖެހިގެން ގެންނަ ބަލިމީހުންނަށް ހައި ޑޯސޭޖެއް ދިނުމުގެ ގޮތުން ދޭ ޑޯސޭޖެއްކަމަށާއި އާއްމުކޮށް ބަލިމީހުންނަށް ލިޔެދެނީ 10 މިލިގްރާމް އަދި 20 މިލިގްރާމް ކަމަށް ވާތީ 40 މިލިގްރާމް ދޭންޖެހޭ މީހުން ނިސްބަތުން މަދުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އަދި އެއީ އާންމުކޮށް ދޭ ޑޯސޭޖެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

ލައިސަންސް އެންޑް ސަޕްލައި އެގްރީމަންޓްގައި އެސްޓީއޯ އިން އެޓޮކޯގެ 40 މިލިގްރާމްއަށް ފޯކާސްޓްކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ބޭސް އޯޑަރުކޮށް ގެނެސްފައިވާ ކަމާއި އެގޮތުން، އެސްޓީއޯ އިން 2016ގައި 560,000 ގުޅަ އޯޑަރުކޮށް ލިބުނު ބޭހުގެ އަގަށް 2.92 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

އެގްރީމަންޓްގައި ފޯކާސްޓްކޮށްފައިވާ އަދަދާއި މެޑިކަލް ސާވިސް ޑިޕާޓްމަންޓުން ފޯކާސްޓްކޮށްފައިވާ އަދަދަށް ވުރެ ގިނައިން 2016 ވަނަ އަހަރު އެ ބޭސް ގެނެސްފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އެއީ އޭރު އެސްޓީއޯ އިން އާންމުކޮށް، ގަންނަމުން ދިޔަ އެޓޮވަސްޓެޓިންގެ އެހެން ބްރޭންޑެއް ކަމަށްވާ އެޓޮރިންގެ 20 މިލިގްރާމް ގެނައި އެވަރެޖް އަދަދަށް ވުރެ ގިނަ އަދަދެއްކަން ވެސް އެނގެ އެވެ.

އަދި މާކެޓިންގެ ބޭނުމަށް ކަމަށް ބުނެ 2016 ވަނަ އަހަރު އެތެރެކޮށްފައިވާ އެޓޮކޯ 40 މިލިގްރާމްގެ ގިނަ އަދަދެއްގެ ބޭސް ރިޒާވްކޮށްފައިވާ އިރު، އެ ބެޗްގެ ބޮޑު ބައެއް ނުވިކި އެސްޓީއޯ އަށް 2.78 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

"އެހެންކަމުން، 2016 ގައި އެސްޓީއޯ އިން އެޓޮކޯގެ 40މގ. އޯޑަރުކޮށް ގެނެސްފައި ވަނީ ރާއްޖޭގައި އެ ބޭހުގެ ޑިމާންޑް އޮތްވަރާ އަޅާބަލާ އިރު އެތައް ގުނައެއް އިތުރަށްކަން ފާހަގަކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް ފަހު އޭސީސީ އިން ބުނީ ސަބާހުއާއި ފާއިޒު އަމަލުކުރި ގޮތުގެ ސަބަބުން ދައުލަތަށް ދެ މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަން ތަހުގީގަށް ލިބިފައިހުރި ހެކިތަކުން އެނގޭ ކަމަށެވެ.