04 Feb 2012, 21:03
ވެރިރަށް މާލޭގައި ރޭ ވެސް ހަތަރު ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންތައް ދީފައި ވަނިކޮށް މި ރޭ ވެސް ތިން ފިހާރައެއްގެ ބިއްލޫރިތައް ތަޅާލައިފި އެވެ.
މިރޭ ބިއްލޫރިގަނޑު މުގުރާލި އެއް ފިހާރައަކީ ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހެންވޭރުގައި ހިންގަމުން އަންނަ ރެޑްވޭވް ފިހާރަ އެވެ. އެފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލާފައިވަނީ 7:45 އެހާކަންހާއިރު އެވެ. ރެޑްވޭވް ފިހާރައިން ދެ ބިއްލޫރި ގަނޑު ތަޅައި ހިމުން ކޮށްލާފައިފައި ވެއެވެ.
ބިއްލޫރިގަނޑު ތަޅައިލި ވަގުތު ފިހާރައިގައި އިން ސޭޓް ބުނީ ބިއްލޫރިތައް މުގުރާލީ ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.
"ކޮން ބައެއް ކަމެއް [އަޅުގަނޑަކަށް] ނޭނގުނު. ކުއްލި އަކަށް ބިއްލޫރި ގަނޑު ތަޅައިގެން ދިޔަ އަޑު ފައްގަނޑަށް ބަލާ ލެވުނީ. އޭރު ސައިކަލުގައި ދެ މީހަކު ދަނީ" މަންޒަރު ފެނުނު އަންހެން ސޭޓު ބުންޏެވެ.
އިރާކޮޅު ދެން ގެއްލުން ދީފައި ވަނީ ހެންވޭރު ބުރެވި މަގުގައި ހުންނަ "ކިޗަން ކްއީން" ފިހާރައަށެވެ. އެ ފިހާރައިން ވެސް ތަޅައިލީ ބޭރު ބިއްލޫރި ގަނޑެވެ. އެއީ 7:15 ހާއިރެވެ.
ބަދިގޭގެ ފަރުނީޗަރު ވިއްކާ މި ފިހާރައިގެ ބިއްލޫރި ގަނޑު ވެސް ތަޅާލާފައިވަނީ ސައިކަލެއްގައި ދިޔަ ދެ މީހެއް ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
ކިޗަން ކްއީންގެ ބިއްލޫރުތައް މުގާރާލި އިރު މަޖީދީ މަގު "ހަގީގީ ބޮޑު ސޭލްސް" ކުރިމަތިން ހުންނަ "ރީފް ސައިޑް 3" ބޭރު ބިއްލޫރި ގަނޑު ވެސް ވަނީ އެއްޗަކުން ޖަހައި ހިމުން ކޮށްލާފަ އެވެ.
ތިން ފިހާރައަކަށް މިރޭ ގެއްލުންދިން އިރު ޑިފެންފެސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ކާރުކޮޅަށް ވެސް ބަޔަކު ވަނީ މިރޭ ގެއްލުންތައް ދީފަ އެވެ. ފުލުހުން ބުނީ މިނިސްޓަރުގެ ކާރުކޮޅަށް ގެއްލުންދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު މ، އަރާރޫޓު ވިލާ ކައިރީގައި ޕާކް ކުރައްވާފައި އޮންނަވަނިކޮށް ކަމަށެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އަށް މީހުން އެއްކުރުމަށް ގޮވާ ޕިކަޕްގެ ބިއްލޫރިތައް ވެސް މިއަދު ހަވީރު ތަޅާލި ކަމަށް ވެއެވެ.
"ތިން ފިހާރައަކާ ޑިފެންސް މިނިސްޓަރުގެ ކާރުކޮޅުގެ ބިއްލޫރުތައް ވަނީ ތަޅާލާފައި. އަޅުގަނޑުމެން މިދަނީ އެ މައްސަލަތައް ބަލަމުން،" ފުލުހުންގެ މީޑިޔާ އޮފިޝަލު މިރޭ ވިދާޅުވި އެވެ. އިތުރު ތަފުސީލެއް އޮފިޝަލު ނުދެއްވަ އެވެ.
މިރޭ ތިން ފިހާރައަކާ ވަޒީރެއްގެ ކާރުކޮޅަށް ގެއްލުންތައްދީފައިވާއިރު ރޭ ވެސް ރޭ ވަނީ ސައްޔިދު އަލިކިލޭގެފާނު މަގުގައި ހުންނަ "ރެޑްވޭވް ޕްލާޒާ"ގެ ބިއްލޫރި ގަނޑު ތަޅާލާފަ އެވެ.
އޭގެ އިތުރުން އަހުމަދިއްޔާ ކުރިމަތީގައި ހުންނަ، ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފުގެ "މައި ވޯޑްރޯބް" އާއި މަޖީދީމަގު ގަލޮޅު ދަނޑުގެ ސިޑިތައް ދަށުގައި ހުންނަ ޝޫ ކިންގް ފިހާރައިގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލާފަ އެވެ.