މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރުކުރި އެކްސްޕޯޓުކުރި މުދަލުގެ އަގު ދަށްވެ، ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އެތެރެކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ވަނީ 2.9 ބިލިއަނަށް ދަށްވެފަ އެވެ. އެއީ، 24 ޕަސެންޓްގެ ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، ޗައިނާ އަދި އޮމާން އެވެ. ޔޫއޭއީއިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 381 މިލިއަން އޮމާންއިން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ރާއްޖެއިން ބޭރުކުރި ނުވަތަ އެކްސްޕޯޓުކުރި މުދަލަށް ބަލާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވެސް ވަނީ، 40 ޕަސެންޓް ދަށްވެފަ އެވެ.

އެގޮތުން، ނިމުނު ފެބްރުއަރީ މަހު 239 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 397 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. ދެވަނަ އަށް ޖަރުމަނު ވިލާތަށެވެ. އަދި ތިންވަނައަށް އެމެރިކާއަށެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު 15 ޕަސެންޓު ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބުނީ 256 މިލިއަން ރުފިޔާ އެވެ.