ދ. ކުޑަހުވަދޫގައި އުޅުމަށްފަހު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތައް އަންގައިދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އެދިއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެ ތާރީހުގެ ފަހުން ކުޑަހުވަދުއިން އެހެން ރަށަކަށް ގޮސްފައިވާ ފަރާތްތަކުން މިހާރު ހުރި ރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް ވީ އެންމެ އަވަހަކަށް އެކަން އަންގަން އެދޭ ކަމަށެވެ.

އެ ތާރީހުގެ ފަހުން ކުޑަހުވަދުއަށް ދިއުމަށްފަހު، އަނބުރާ އެހެން ރަށަކަށް ދިޔަ ފަރާތްތަކުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އަދި އެ ތާރީހުގެ ފަހުން ކުޑަހުވަދުއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް ނުވަތަ ވިލިމާލެ ފްލޫ ކްލިނިކުން ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭއިން އެދިފައިވެ އެވެ.

ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހެއްގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތައް މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް ކުޑަހުވަދޫ ވަނީ މޮނީޓަރިންއަށް ލާފަ އެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 21،819 އަށް އަރައިފައެވެ.

ބައްޔަށް މިވަގުތު 2،406 މީހުން ފަރުވާ ހޯދަމުންދާއިރު 126 މީހުން ތިބީ ހޮސްޕިޓަލުގައެވެ.

ބަލި ޖެހުނު 19،342 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ކޮވިޑް ޖެހިގެން 64 މީހުން ވަނީ މަރުވެފައެވެ.