04 Feb 2012, 18:23
ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ އާޓީފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމާލި ވަގުތު ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރު މަރިޔަމް ދާނިޝް ނަޝީދު އަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ހަމަލާދިން ކަމަށް ބުނެ ފަތުރާފައިވާ ހަބަރުތައް ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ރޭގެ މުޒާހަރާއާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ދޮގު ހަބަރު ފެތުރުމުން މުޒާހަރާގެ ބައިވެރިން އަޑުގަދަކޮށް ހެދިކަމަށާއި ނަމަވެސް ރާއްޖެ ޓީވީގެ އެޑިޓަރު ހިމާޔަތް ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރި އެއްބޭފުޅަކީ ހުދު އިލްހާމް ކަމަށެވެ.
އަދި އެކަންތައްތަކެއް ހިނގައިދިޔަ އިރު އާރިފް ހުންނެވީ އެތަނާ ދުރުގައި ކަމަށާއި މުޒާހަރާގައި ނަގާފައިވާ ވީޑިއޯތަކުން އެކަން ވަރަށް ރަނގަޅަށް ފެންނާނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
"ދާނިޝް ފެތުރި ހަބަރަކާ ގުޅިގެން އެތާ ތިއްބެވި ބޭފުޅުން ވަރަށް އަޑުގަދަކުރަމުން ދާނިޝް އާ ދިމާލަށް ދިޔައީ. އެކަމަކު އެއްވެސް ބޭފުޅަކު ދާނިޝް އަށް ހަމަލާދިނުމަށް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަ ކުރަން،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ސިޔާސީ ބޭނުމެއް ހާސިލުކުރުމަށް ރާއްޖެ ޓީވީން ދޮގު ހަބަރެއް ފަތުރާފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން މީޑިއާ އަށް ހަމަލާދޭ ކަމަށް ބުނެ އެމްއެންބީސީ އާއި ރާއްޖެ ޓީވީން ފަތުރާ ހަބަރުތަކަކީ ސިލްސިލާކޮށް ކުރާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް ލައިވްކުރަމުން ދަނިކޮށް އެމްއެންބީސީގެ ކޭބަލް ބުރިކޮށްލި ކަމަށް ބުނެ އިލްހާމް ބޮލުގައި އަޅުވާފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ސަރުކާރުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުމުގެ ގޮތުން މުޒާހަރާ ކުރުމަށް އަތޮޅުތަކުން އަންނަ ރައްޔިތުންނަށް އެކުރެވެނީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ހުކުމެއް ކުރެވުމުން ދެރަ ލިބޭނީ އަމިއްލަ ނަފްސާއި އާއިލާ އަށް ކަމަށާއި އެހެންކަމުން ސަރުކާރުން ކުރާ ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ރައްޔިތުން ތަބާ ނުވުމަށް ގޮވާލައްވާ ކަމަށެވެ.
"ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު މި ޣައިރު ގާނޫނީ އަމުރަށް ތަބާނުވުމަށް އަޅުގަނޑު ގޮވާލަން. މި ޣައިރު ގާނޫނީ ކަމުގެ ތެރެއަށް ވަންނަ ކޮންމެ މީހެއްގެ ހުކުމަކީ ޓެރަރިޒަމް ގާނޫނުގެ ދަށުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން،" އިލްހާމް ވިދާޅުވި އެވެ.