17 Mar 2021, 14:21
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ނޮވެމްބަރު މަހު ފަށާއިރު އެ މަސައްކަތް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ޖުލައި މަހު އިއުލާނު ކުރާނެ ކަމަށް އެމްޓިސީސީ އިން ބުނެފިއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ މަސައްކަތަށް މުވައްޒަފުން ނެގުމުގައި އިސްކަންދޭނީ އެ އަތޮޅަކުން މުވައްޒަފުން ނެގުމަށް ކަމަށެވެ.
"އަތޮޅު ތެރެއިން އިއުލާނު ކުރެވި އަޅުގަނޑުމެން ރެކްރޫޓް ކުރުމުގައި އިސްކަން ދޭނީ އެބޭފުޅުންނަށް،" އާޒިމް ވިދާޅުވިއެވެ.
ފެރީ ހިދުމަތް ފަށާއިރު، އޮޕަރޭޓަރުންގެ ގޮތުގައި 34 މުވައްޒަފުން، ކްރޫ އިންގެ ގޮތުގައި 36 މުވައްޒަފުން، އެޑްމިނިސްޓްރޭޓިވް ސްޓާފުންގެ ގޮތުގައި 11 މުވައްޒަފުން ހިމެނޭހެން ޖުމްލަ 81 މުވައްޒަފުން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އޮޕަރޭޓަރުންގެ ގޮތުގައި ލޯންޗު މުވައްޒަފުން ބޭނުންވާއިރުގައި، އަޅުގަނޑުމެން އިސްކަންދޭނީ އެ ސަރަހައްދުގައި އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ތިބިނަމަ އެ ބޭފުޅުންނަށް،" އާޒިމް ވިދާޅުވިއެވެ.
"ލައިސަންސް ނެތް ބޭފުޅުންނަށްވެސް ލައިސަންސް ނަގައިދީގެން އެކަން ކުރަން އަޅުގަނޑުމެން ބޮޑަށް ބޭނުންވަނީ. ސަރުކާރުގެވެސް އަމާޒަކީ އާއިލާ ކައިރީ ރަށުގައި ތިބެގެން ވަޒީފާއަދާކުރުމުގެ ފުރުސަތު ދިނުން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ޖުލައި މަސް ތެރޭ މުވައްޒަފުން ނެގުމަށްފަހު މުވައްޒަފުންނަށް ތަމްރީނު ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ކުރުމަށް އެކެއް އޮކްޓޯބަރުން ފެށިގެން މުވައްޒަފުންނަނށް އިންޑަކްޝަން ޕްރޮގްރާމުތައް ހިންގާނަން،" އާޒިމް ވިދާޅުވއެވެ.
ކަސްޓަމާ ސާވިސަސް، އޮޕަރޭޝަނަލް ޓްރެއިނިން އަދި ކަނދު ދަތުރު ކުރުމުގެ ގާނޫނާއި ގަވައިދާ ގުޅޭގޮތުން މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ފެރީ ނެޓްވޯކުގެ ހިދުމަތް ދިނުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގެ ރަށްތައް ޒަމާނީ އަގުހެޔޮ ހައިސްޕީޑު ފެރީގެ ނިޒާމަކުން ގުޅާލާނެ އެވެ.
ފުރަތަމަ ފިޔަވަހީގައި އުތުރުގެ ތިން އަތޮޅު ގުޅާލާއިރު މި ފިޔަވައްސަށް 175 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ. އޭގެ ތެރެއިން 52 މިލިއަން ރުފިޔާ އަކީ ހިދުމަތް ފެށުމަށް ސަރުކާރުން އިންވެސްޓުކުރާ އަދަދެކެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، "ނޭޝަނަލް ސްޕޭޝަލް ޕްލޭން 2020-2040" ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.
އެގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލާއިރު، އެއް ރީޖަން އަނެއް ރީޖަންއާ ވެސް ގުޅިގެންދާނެ އެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅާލަނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ލިންކެކެވެ. ނަން-ކޮމިއުޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަ ލިންކެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.