ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރެސްޓޯރަންޓް، ކެފޭ އެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަލުން ބީލަން ހުށަހަޅަން ހުޅުވާލައިފި އެވެ.

މީގެކުރިން، މިދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު ވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ. ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބުން ބުނީ އެ އިއުލާނު ބާތިލްކޮށްފައިވާ ކަމަށާއި އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބީލަން ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހެވެ. ބީލަން ހުށަހަޅާނީ 28 ވަނަ ދުވަހު އެވެ.

މަޖިލީހުގައި ހަދާ ރެސްޓޯރެންޓު ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގަ އެވެ. އެ ރެސްޓޯރެންޓް ހުޅުވުމުން ދާއިރާގެ ރައްޔިތުންނާއެކު ކޮފީ ބޯލަން، މަޝްވަރާކޮށްލަން އެތަނަށް މެމްބަރުންނަށް ވަޑައިގެންނެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ސްޓޯރެންޓެއް ހެދުމުން މަޖިލީހުގެ ހަރަދުތައް ކުޑަވާނެ ކަމަށެވެ.

ރެސްޓޯރެންޓަކާއި ފިޓްނަސް ސެންޓަރެއް ހަދަން ނިންމާފައިވާ އިރު، މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި މަޖިލީހާ ބެހޭ އެހެނިހެން ވެސް މައުލޫމާތު ގަންނަން ލިބޭނެ ފަދަ ފިހާރައެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް މަޖިލީހުގެ ސޯޝަލް ކުލަބުގެ ފަރާތުން ކުރައްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.