މޮސްކޯ (ފެބްރުއަރީ 4) : ޔޫރަޕާއި ރަޝިޔާއަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިނީގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 265 ށް އަރައިފިއެވެ. އަދި ފިނީގައި ގަނޑުވެ ފުރާނައަށް ނުރައްކާވުމުގެ ސަބަބުން އެތަށް ސަތޭކަބަޔަކު މިޤައުުތަކުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ.

ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިނީގެ ތޫފާންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިރުމަތީ ޔޫރަޕްގެ ޤައުމުތަކަށާއި ރަޝިޔާއަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުކްރޭންގައިވަނީ ފިނީގެ ސަބަބުން 101 މީހުން މަރުވެފައެވެ. ރަޝިޔާގައި 64 މީހުން މަރުވެފައިވާއިރު ބަލްގޭރިޔާ، ޕޮލެންޑް، ރުމޭނިޔާ، ޗެކް ރިޕަބްލިކް، ސްލޮވޭކިޔާ އަދި ބޯލްޓިކްގެ ޤައުމުތަކުން 100 އަށް ވުރެގިނަމީހުންވަނީ ފިނިވެ ގަނޑުވުމުގެ ސަބަބުން މަރުވެފައެވެ.

އިރުމަތީ ޔުރަޕްގެ އިތުރުން ހުޅަނގު ޔޫރަޕަށާއި ދެކުނު ޔޫރަޕަށްވެސްދަނީ ގަނޑުފެނާއި ސްނޯގެ ތޫފާންތައް އަންނަމުންނެވެ. މިގޮތުން އިޓަލީގެ ބައެއް ހިސާބުތަކަށް ސްނޯ ފައިބާ މައިނަސް 22 ޑިގްރީ ސެލްސިއަސް އަށްވުރެ ފިނިހޫނުމިން ދަަށަށް ގޮސްފައިވެއެވެ. އަދި ޖަރުމަނާއި ފަރަންސޭސިވިލާތަށްވެސްވަނީ ފިނީގެ ނުރައްކާ ބޮޑުވެފައެވެ.

ފިނިގަދަވުމުގެ ސަބަބުންނާއި ސްނޯގެ ތޫފާންތަކުގެ ސަބަބުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި ރަޝިޔާގެ ބައެއް ސަރަޙައްދުތަކުގެ ދަތުރުފަތުރުތަކާއި ސްކޫލްތަކާއި ބައެއް ޢާންމު ޚިދްމަތްތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ގިނަ ޙަރަކާތްތައްވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ފިނީގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށާއި މަގުތަކުގައި ދިރިއުޅޭ ގެދޮރުނެތްމީހުންނަށް ޓަކައި ޔޫޕަރްގެ އެތަށް ޤައުމެއްގައިވަނީ ވަގުތީ ހިޔާވަހިތަކުގެ ގޮތުގައި ޓެންޓްތައް ޤާއިމްކޮށް އެތަންތަނުގައި ހީޓަރު ބަހައްޓައި ކާބޯތަކެއްޗާއި ބޭސް ފަރުވާގެ ޚިދްމަތްދޭން ފަށާފައެވެ.
މީގެިއތުރުން ޔޫރަޕްގެ ކޯރުތައް ގަނޑުވެ ކަނޑުގައި ދިރިއުޅޭ މަސްތައްވެސް ބައެއް ސަރަޙައްދުތަކުގައި މަރުވެގެން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް