އަންނަ ޖޫން މަހު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މެމްބަރު ސުވާލުކުރެއްވީ ރަށްރަށަށް އެމްބިއުލާންސް ބެހުމުގައި ހެލްތު މިނިސްޓްރީން އިސްކަންދޭ އުސޫލާ ގުޅޭ ގޮތުންނެވެ. މިއަދުގެ ޖަލްސާގައި ގިނަ މެމްބަރުން ވަނީ އެ މެމްބަރެއްގެ ދާއިރާގެ ރަށްތަކަށް އެމްބިއުލާންސް ލިބޭނެ އިރަކާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.

މިދިޔަ ފެބުރުއަރީ މަހު މިނިސްޓަރު ވިދާޅުވެފައ ވަނީ އެމްބިއުލެންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށާއި އޭޕްރީލް މަހުގެ ނިޔަލަށް 96 އެމްބިއުލެންސް ގެނެވޭނެ ކަމަށެވެ. އަދި އެމްބިއުލާންސްތައް ގެނެވުމުން ހުރިހާ ރަށަކަށް ފޮނުވޭނެ ކަމަށެވެ.

މިއަދު މިނިސްޓަރު ވިދާޅުވީ ފުރަތަމަ އެމްބިއުލާންސް ލިބޭނެ ކަމަށް އަންދާޒާ ކުރަނީ އޭޕްރީލްގައި ކަމަށާއި، ހުރިހާ ރަށަކަށް ވާވަރަށް އެމްބިއުލާންސް ގެންނާނެ ކަމަށާއި، ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

ރާއްޖެއަށް އެމްބިއުލާންސް ގެންނަނީ ސަރުކާރުގެ ބަޖެޓުންނާއި ޖަޕާނު ސަރުކާރުގެ އެހީގަ އެވެ. އޭގެ އިތުރުން އެހެން ޕްރޮގްރާމަކުން ވެސް އެމްބިއުލާންސް ގެންނަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ޖޫން މަހު ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ ކަމަށް ވިދާޅުވި އިރު، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލެންސް ހަމަވެފައިވާ ކަމަށް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ނަސީމް މިއަދު ވިދާޅުވީ ޑްރައިވަރުންގެ އަމަލުތައް ހުންނަ ގޮތުން ވެސް އެމްބިއުލާންސްތައް އަވަހަށް ހަލާކުވާ ކަަމަށާއި އެހެންކަމުން ޑްރައިވަރުން ވެސް ތަމްރީނުކުރަން ޖެހޭ ކަމަށެެވެ.