17 Mar 2021, 14:02
އިޖުތިމާއީ ހިދުމަތުގެ ދާއިރާގައި ފިރިހެނުން ހަރަކާތްތެރިވާ މިންވަރު މަދުކަމަށާއި، އެއީ ގޮންޖެހުމެއް ކަމަށް ޖެންޑާ އެންޑް ސޯޝަލް ސާވިސް މިނިސްޓްރީ އިން ބުނެފި އެވެ.
ކޮންމެ އަހަރެއްގެ މާޗު މަހުގެ ތިންވަނަ ހަފުތާގެ އަންގާރަ ދުވަސް ފާހަގަ ކުރަނީީ "ސޯޝަލް ވޯކް" ގެ ނަމުގައި އިޖުތިމާއީ ހިދުމަތް ދިނުމުގެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ފާހަގަކުރާދުވަހުގެ ގޮތުގަ އެވެ.
މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ އިޖުތިމާއީ ހިދުމަތްދިނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އިޖުތިމާއީ ހިދުމަތްތެރިން އަމާން ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް ހަރުދަނާ މުޖުތަމައެއް ބިނާކުރުމުގައްޔާއި އިޖުތިމާއީ އަދާލަތާއި އިންސާނީ ހައްގުތައް ދިފާއުކުރުމުގައި އިޖުތިމާއީ ހިދުމަތްތެރިން ކުރަމުންގެންދާ ބުރަ މަސައްކަތްތައް އާންމު ފަރުދުންނާ ހަމައަށް ގެންގޮސްދީ ހާމަކޮށްދިނުމެވެ.
މި އަހަރުގެ ޝިއާރެއްގެ ގޮތުގައިކަނޑައަޅައިފައި ވަނީ:
"I am Because We are - Strengthening Social Solidarity and Global Connectedness" އެވެ.
މި ޝިއާރުން ހާމަވަނީ ބަވަނަވެފައިވާ ދުނިޔެއެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ އަހަންމިއްޔަތު ކަމެވެ.
މި ދުވަހާ ގުޅިގެން ޖެންޑާ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަކީވަރަށް ހައްސާސް މަސައްކަތެއް ކަމަށާއި ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އެތައް ބައެއްގެ ދިރިއުޅުމުގެ އުންމީދުތަކާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.
ސޯޝަލް ވޯކަރުންގެ މަސައްކަތަކީ ކޮންމެ ގޮތެއް ވަރިހަމަ ކޮށްލައިގެން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
"އެ މަސައްކަތަށް ވަކި ހަމަތަކަކާއި، މިންގަނޑުތަކަކާއި، އުސޫލުތަކެއް ކަނޑައަޅައި އެ ކަންކަން ކަޅާއި ހުދުން ލިޔެވި އަމަލުކުރުން ލާޒިމުކޮށްފައި ހުންނަނީ އެ ސަބަބަށްޓަކައެވެ. އެ ނޫންގޮތަކަށް ކަންކަން ކޮށްފި ނަމަ ހިޔާލަށް ވެސް ގެންނަން އުނދަގޫ ކަންކަން މެދުވެރިވުމަކީ ވަރަށް ގާތްކަމެކެވެ. މި ސަބަބާ ހުރެ ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކަށް އިޖުތިމާއީ ހިދުމަތްތެރިން ވާންޖެހެއެވެ. ޕްރޮފެޝަނަލަކޮށް މަސައްކަތްކުރެވޭނީ ޝައްކެއް ވެސް ނެތްގޮތުގައި އިޖުތިމާއީ ހިދުމަތްތެރިން ހިދުމަތްދިނުމުގައި އަމަލުކުރުމަށް ބަޔާންކޮށްފައި ހުރި މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން މަސައްކަތްކޮށްގެންނެވެ،" މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ޖެންޑާ މިނިސްޓްރީ އިން ބުނީ އެ ނިސްޓްރީން ފޯރުކޮށްދޭ އިޖުތިމާއީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެދާ މަސައްކަތަކީ އިޖުތިމާއީ ހިދުމަތްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްތަކާއި އެ ދާއިރާއަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.
މީގެ އިތުރުން ލާމަރުކަޒީ އުސޫލުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއްކަމަށްވެސް ޖެންޑާ އިން ބުންޏެވެ.
ސޯޝަލް ވޯކަރުންގެ މަސައްކަތަކީ "ޕްރޮފެޝަނަލް" ދާއިރާއެއްގެ ގޮތުގައި ބަލައިގަތުމާއި އެ ދާއިރާގެ މުހިންމުކަން މުޖުތަމައިން ބަލައިގަތުން މުހިއްމު ކަމަށް ވެސް ޖެންޑާ އިން ބުންޏެވެ.
މީގެ އިތުރުން، އިޖުތިމާއީ ހިދުމަތްދިނުމުގެ ދާއިރާއަކީ އަންހެނުނަށް ހާއްސަ ދާއިރާއެއްކަމަށް ދެކޭތީ، ގިނަ ފަހަރު ފިރިހެނުން އެ ދާއިރާގައި ހަރަކާތްތެރިވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
އިޖުތިމާއީ ހިދުމަތުގެ ދާއިރާއަކީ ތަފާތު އެކި ދާއިރާތަކުގައި ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ނަފުސާނީ ބަލި ތަހައްމުލުކުރަމުންދާ ފަރާތްތަކަށް ހިދުމަތްކުރުން، ތައުލީމީ ދާއިރާ އަދި ފުލުހުންގެ ހިދުމަތުގެ ދާއިރާތަކަކީ ވެސް އިޖުތިމާއީ މަސައްކަތްތައް ކަމަށް މިނިސްޓްރީ އިން ފާހަގަ ކުރެއެވެ.
މިނިސްޓްރީ އިން ބުނީ އެ މަސައްކަތްކުރުމަށް ބޭނުންވާ ފަންނީ ގާބިލު މުވައްޒަފުން ލިބޭ މިންވަރު މަދުވުމާއި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އެހެނިހެން މަސައްކަތުގެ ދާއިރާތަކަށް ބަދަލުވަމުން ދިޔުމަކީ ގޮންޖެހުމެއް ކަމަށެވެ.