17 Mar 2021, 10:42
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގެންފި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒްރަތު ޝާޙްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލްހާމިދާއި، އަނބިކަނބަލުން ރާޝިދާ ހާމިދެވެ.
ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބަންގްލަދޭޝައަށް ވަޑައިގެންނެވި އެވެ.
ރައީސް މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބާނީ ކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހްތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާއި އެ ގައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުކުރެއްވުންތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހްމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މި ދަތުރުފުޅުގައި ރައީސް ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުމެއް އޮޔް ދެ ގައުމެވެ. ދެ ގައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ރަސްމީކޮށް ގާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ބަންގްލަދޭޝްއަކީ މީހުން ބިނާކުރުމުގެ ރޮނގުން ރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. އޭގެ އިތުރުން، ކޮވިޑް19 ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ވެސް ބަންގްލަދޭޝް އިން ވަނީ އެހީވެފަ އެވެ.
އެގޮތުން، މިދިޔަ އޭޕްރިލް މަހުގެ ބަންގްލަދޭޝް ސަރުކާރުން 100 ޓަނުގެ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނު ރާއްޖެއަށް ހަދިޔާކުރި އެވެ. އަދި، އެއަށްފަހު ނުވަ ޓަނުގެ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ސާމާނާއި، ޕީޕީއީވެސް ފޮނުވި އެވެ. އަދި ރައީސްގެ އެދިވަޑައިގެންނެވުމަކަށް، ބަންގްލަދޭޝް އެއާފޯސްގެ ސިއްހީ ހިދުމަތްތެރިންގެ ދެ ޓީމެއް ރާއްޖެއަށް ފޮނުވި އެވެ.