ވޮޝިންޓަން (މާޗް 17) : ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސޮފިސްޓިކޭޓެޑް ސެނެޓްރިފިއުޖް މެޝީންތަކެއް ބޭނުންކޮށްގެން އީރާނުން ޔޫރޭނިޔަމް ފައްކާކުރަމުން ގެންދާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން (އައިއޭއީއޭ) އިން ބުނެފި އެވެ.

އެއެޖެންސީން ތައްޔާރުކޮށް ނެރުނު ރިޕޯޓެއް ބުނާ ގޮތުން އީރާނުން ޔޫރޭނިޔަމް ފައްކާކުރުމަށް ޓަކައި އެގައުމުގެ ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގައި ބޭނުންކުރަނީ ‘IR-4 މަރުކާގެ ސެނެޓްރިފިއުޖް މެޝީންތަކެވެ. މިއީ ޔޫރޭނިޔަމް ފައްކާކުރުމަށްޓަކައި ކުރިން އީރާން ބޭނުންކުރި‘IR-2’ އާއި ‘IR-1’ގެ މެޝިންތަކަށް ވުރެ އެތައް ގުނައެއް އަވަހަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ ވަރަށް ސޮފިސްޓިކޭޓެޑް މެޝިންތަކެއް ކަމަށާއި މިބާވަތުގެ 174 މެޝިން ފަރުބަދަތަކުގެ އަޑީގައި ހުންނަ ނަތަންޒް ނިއުކްލިޔާ ރިއެކްޓަރުގެ ލެބޯޓްރީތަކުގައި އީރާން ބޭނުންކުރަން ފަށާފައިވާކަމަށް މި ރިޕޯޓް ބުނެއެވެ.

މިރިޕޯޓް ބުނާގޮތުން އީރާނުން ނިއުކްލިޔާ އެހެން މަރުކަޒެއްގައި ވެސް ޔުރޭނިޔަމް ފައްކާކުރުމުގެ މަސައްކަތްވަނީ ފަށާފަ އެވެ. ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖް މެޝިންތަކަކީ އީރާނުން އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ މެޝިންތަކެވެ. ޔޫރޭނިޔަމް ފައްކާކުރުމަށް އީރާން މިހާރު ބޭނުންކުރަމުން ގެންދަނީ ‘IR-1’ ގެ 5060 ސެންޓްރިފިއުޖް މެޝިންއާއި ‘IR-2’ މަރުކާގެ 522 މެޝިންއާއި ‘IR-4’ ގެ 174 މެޝިން ކަމަށް "އައިއޭއީއޭ"ގެ ރިޕޯޓް ބުނެއެވެ.

އީރާނުގެ ނިއުކްލިޔާ މަރުކަޒެއްގައި ހަރުކޮށްފައިވާ ސެންޓްރިފިއުޖް މެޝިންތަކެއް

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް 2015 ވަނައަހަރު އީރާނުން އެމެރިކާއާއި ދުނިޔޭގެ ބޮޑެތި އެހެންބާރުތަކާ އެކު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގައިވާގޮތުން އީރާނުން ޔޫރޭނިޔަމް ފައްކާކުރަން ޖެހޭނީ ހަތަރު އިންސައްތައަށް ވުރެ ދަށުގައެވެ. އެއީ ކަރަންޓް އުފެއްދުންފަދަ މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ އުފެއްދުމަށް ޓަކައި ޔޫރޭނިޔަމް ފައްކާކުރަން ބޭނުންވާ މިންވަރެވެ. އެއަށްވުރެ މަތީ ޕަސެންޓަކަށް ޔޫރޭނިޔަމް ފައްކާކުރުމަކީ މިއެއްބަސްވުމުގެ ދަށުން އީރާނަށް މަނާކަމެކެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމާއި އަދި 2018 ގައި އެމެރިކާ އެއެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެފައިވާތީ 2020 ވަނަ އަހަރުން ފެށިގެން އީރާންވެސް ވަނީ އެގައުމުގެ ނިއުކްލިޔާ ހައްގުތައް އަލުން އަނބުރައި ހޯދުމަށްޓަކައި ނިއުކްލިޔާ އެއްބަސްވުމާ ޚިލާފުވެފައެވެ.

މީގެތެރޭގައި ޔޫރޭނިޔަމް ފައްކާކުރާ އިންސައްތަ 20 އަށް މަތިކުރަން ނިންމުމާއި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެށުމާއި ކުރިން ހުއްޓާލާފައިވާ ނިއުކްލިޔާ ގިނަ މަސައްކަތްތައް އަލުން ފެށުމާއި ކުއްލިގޮތަކަށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ބަލައި ފާސްކުރުމުގެ ފުރުސަތު "އައިއޭއީއޭ" އަށް ލިބިދޭ އެޑިޝަނަލް ޕްރޮޓޮކޯލުން ވަކިވުން ފަދަ ކަންކަން ހިމެނެއެވެ.

އީރާނުން މިފިޔަވަޅުތައް އެޅީ އެމެރިކާ އީރާނާދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނާއި އެމެރިކާ ނިއުކްލިޔާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވުމުން އީރާނަށް ލިބޭ ގެއްލުންތައް ފޫބައްދައި ދިނުމަށް މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ ޔޫރަޕްގެ ބޮޑެތި ބާރުތައް ނުކުޅެދުމުގެ ސަބަބުންނެވެ. ނަމަވެސް އީރާނުންވަނީ އެމެރިކާ އަލުން އަނބުރައި ނިއުކްލިޔަ އެއްބަސްވުމަށް ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް ހިންގަންފެށި ނިއުކްލިޔާ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާނެކަމަށް ބުނެ އެކަން އެމެރިކާއަށާއި ނިއުކްލިޔާ އެއްބަސްވުމުގެ ބައިވެރިންނަށް އަންގާފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ އޭނާގެ ވެރިކަމުގައި އެމެރިކާ އަލުން އަނބުރައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުފަދަ އިސް މަސްއޫލުވެރިންވެސް މިހެން ވިދާޅުވެއެވެ. ނަމަވެސް އެމެރިކާގައި ބާރުގަދަ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ލޮބީގެ ނުފޫޒާއި އިސްރާއީލުގެ ނުފޫޒުގެ ސަބަބުން މިކަން ކުރުމަށް ބައިޑެންގެ ސަރުކާރުން ގެންދަނީ ފަސްޖެހި ތަފާތު ބަހަނާތައް ދައްކަމުންނެވެ. މީގެތެރޭގައި އެމެރިކާ އަލުން އަނބުރައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވާނީ އީރާނުން އެއްބަސްވުމާ ޚިލާފަށް ހިންގަމުންގެންދާ ނިއުކްލިޔާ ހަރަކާތްތައް ހުއްޓާލުމުން ކަމުގެ ބަހަނާތައް ހިމެނެއެވެ.

އީރާނުންވަނީ އެމެރިކާ އަލުން އަނބުރައި ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވެ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ނޫނީ އެގައުމުން އެއްބަސްވުމާ ޚިލާފަށް ހިންގަންފެށި ހަރަކާތްތައް ހުއްޓާނުލާނެކަމަށް ބުނެފައެވެ. އެއްބަސްވުމާ ޚިލާފަށް އީރާން ހިންގަންފަށާފައިވާޗ ހަރަކާތްތަކުގެ ސަބަބުން ނިއުކްލިޔާ ބޮން އުފެއްދުމާ ގާތަށް އީރާން ދާކަމަށް އެމެރިކާ ތުހުމަތު ކުރެއެވެ.

އެމެރިކާއަކީ އެގައުމުން އުފައްދާ ނިއުކްލިޔާ ހަތިޔާރާއި އިސްރާއީލުން އުފައްދާ ނިއުކްލިޔާ ހަތިޔާރުގެ މައްސަލަ އަކީ ނެތް މައްސަލައަކަށް ހަދައިގެން އިންސާނީ ހައްގުތަކުގެ މައްސަލައެކޭ އެއްގޮތަށް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ މައްސަލާގައިވެސް ދެފުއްދެގޮތް އަދި ޑަބަލް ސްޓޭންޑަޑް ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)