އަންނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވުމުގެ ގޮތުން ބޯހިމެނުމުގައި ބޭނުންކުރެވޭ ބްލޮކް މެޕްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް 30 އެނިއުމަރޭޓަރުން ބޭނުންވާ ކަމަށެވެ.

ބްލޮކް މެޕްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 30 ން ފެށިގެން އޭޕްރީލް މަހުގެ ފަސްވަނަ ދުވަހަށެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ އެ މަސައްކަތަކީ ކޮންމެ ދުވަހަކު ފީލްޑަށް ނުކުމެ، ހަވާލުކުރެވޭ ޗާޓުގައިވާ ތަންތަން ފާހަގަކުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށެެވެ.

އެ ބިއުރޯއިން ބުނީ ސާވޭގައި ބައިވެރިވެވޭނީ ޖީސީއީ އޯލެވަލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ. އެގޮތުން ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށާއި ބޯހިމެނުން ނުވަތަ އެފަދަ ސާވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށެވެ.

އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފަސް ދުވަހުގެ މުއްދަތަކަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 6:00 ށެވެ. ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނީ އެ މަސައްކަތުގައި ހޭދަކުރާ ދުވަސްތަކުގައި ދުވާލަކު 500 ރުފިޔާގެ މަގުން އެލަވަންސެއް ދޭނެ ކަމަށެވެ. އަދި ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކު 10 ރުފިޔާ އާއި ފުޑް އެލަވަންސްގެ ގޮތުގައި ދުވާލަކު 100 ރުފިޔާ ދޭނެ ކަމަށެވެ.

އެ ސާވޭގައި ބައިވެރިވުމުގެފުރުސަތުމިހާރު ވަނީ ހުޅުވާލައިފަ އެވެ.