ޙިމްސް (ފެބްރުއަރީ 4) : ސޫރިޔާގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންގެންދާ އިދިކޮޅު ފަރާތްތަކުގެ ނުފޫޒުގަދަ ރަށެއް ކަމަށްވާ ޙިމްސްއަށް އެ ޤައުމުގެ ސިފައިން ބޮން އެޅުމުގެ ސަބަބުން 260 މީހުން މަރުވެ އެތަށްސަތޭކަ ބަޔަކު ޒަޚަމްވެއްޖެކަމަށް ޚަބަރު ލިބިއްޖެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކާ ޙަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި ސޫރިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ޙިމްސް އަށް ބޮންއަޅާފައިވަނީ ގޮތެއްފޮތެއް ނުބަލައި އެރަށުގެ އެތަންމިތަނަށެވެ. ނަތީޖާއެއްގެ ގޮތުން އެރަށުގެ ބައެއް ޢިމާރާތްތަކާއި ގެދޮރު މުޅިން ފުނޑުފުނޑުވެ 260 މީހުން މަރުވުމުގެ އިތުރުން އެތަށް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އަދި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައިވެސް އެތަށްބަޔަކުވާކަމަށް ވެސް އިދިކޮޅު ސީރިޔަން ނެޝަނަލް ކައުންސިލް އިން ނެރެފައިވާ ބަޔާނެއް ބުނެއެވެ. މިބަޔާނުގައި ސޫރިޔާ ސަރުކާރުގެ މިޢަމަލު ސިފަކޮށްފައިވަނީ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގި ޤަތްލު ޢާންމެއްގެ ގޮތުގައެވެ. މިއީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސިފައިން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަންތަކުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައާންމުން މަރުވި އޮޕަރޭޝަން ކަމަށްވެސް އިދިކޮޅު ފަރާތްތައް ބުނެއެވެ.

ނަމަވެސް ސޫރިޔާގެ ސަރުކާރުގެ މީޑިޔާއިންވަނީ އިދިކޮޅު ފަރާތްތަކުގެ މިވާހަކަތައް ދޮގުކޮށްފައެވެ. ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ދައުލަތުގެ މީޑިޔާއިން ބުނީ ޙިމްސް އަށް ސިފައިން ބޮންނާޅާ ކަމަށާ އަދި އެރަށަށް ސިފައިންގެ ލަޝްކަރެއް ވަދެފައިވެސް ނުވާކަމުގައެވެ. ސޫރިޔާގެ މަސްރަޙް މިހާ ގޯސްވެފައިވާއިރު އދ. ގެ ސަލާމަތީ މަޖިލީހުން މިހާރު ގެންދަނީ ރައީސް ބައްޝާރުލްއަސަދް ވެރިކަމުން ދުރުވެ ވަޑައިގަތުމަށްފަހު ނައިބު ރައީސް ފާރޫޤް އައްޝަރްޢު އާ ވެރިކަމުގެ ބާރުތައް ޙަވާލުކުރުމަށް ގޮވާލާ ޤަރާރެއް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޢަރަބި ޤައުމުތަކާއި އެމެރިކާއާއި ޔޫރަޕްގެ ތިން ބާރު ގުޅިގެން ފާސްކުރަން މަސައްކަތްކުރާ މިޤަރާރާ ދެކޮޅަށް ވީޓޯގެ ބޭނުންކުރާނެކަމުގެ އިންޒާރު ރަޝިޔާއިންވަނީ ދީފައެވެ. ރަޝިޔާ ބުނަނީ ސޫރިޔާގައި ވެރިކަންކުރާފަރާތް ކަނޑައެޅުމުގެ އެއްވެސް މެންޑޭޓެއް ސަލާމަތީ މަޖިލީހަށް ލިބިފައިނުވާ ކަމުގައެވެ.

އަދި ސޫރިޔާގައި ޑިމޮކްރަސީ ޤާއިމްކުރަންޖެހޭ ކަމަށްބުނެ އެމެރިކާ ދައްކަމުން ގެންދާ ވާހަކަތަކަކީ އިޚްލާސްތެރި ވާހަކަތަކެއް ނޫންކަމަށްވެސް ރަޝިޔާ ބުނެއެވެ. -- އަލްޖަޒީރާ