17 Mar 2021, 09:26
ޝާހީ އާއިލާއިން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކާއި ގުޅޭގޮތުން ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ދެއްކެވި ވާހަކަތަކަށް މިޝޭލް އޮބާމާ ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.
އެންބީސީގެ "ޓުޑޭ ޝޯ"ގައި ހެރީއާއި މޭގަންގެ އިންޓަވިއުއިން ފެންމަތިވި ނަސްލީ ތަފާތުކުރުމާ ގުޅޭ ވާހަކަތަކާ ބެހޭގޮތުން ސުވާލުކުރުމުން މިޝޭލް ވިދާޅުވީ އެކަމާ ހައިރާން ނުވާ ކަމަށެވެ.
މިޝޭލް ވިދާޅުވީ ޕަބްލިކް ސާވިސްއަކީ ވަރަށް ވަރުގަދަ އަދި ގިނަބައެއްގެ ސަމާލުކަން ހުއްޓޭ ފަދަ ޚިދުމަތެއް ކަމަށާއި، އެކަމުގައި އޭނާ އެންމެ ބޮޑަށް އިސްކުރައްވަނީ ޚިދުމަތްދޭން ތިބި މީހުންގެ މަސްލަހަތު ކަމަށެވެ.
އިނގިރޭސި ޝާހީ އާއިލާގެ އެހާ އިސް މެންބަރަކާއި އެހެން ގައުމަކުން ކައިވެނި ކުރި ފުރަތަމަ މީހަކީ މޭގަންއަށްވާއިރު، އޭނާއަކީ އެފްރިކަން އެމެރިކަން އެކެވެ. އެއާއެކު ޝާހީ އާއިލާއިން އޭނާއާއިި ދޭތެރޭ ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމުގެ އަޑުތައްވެސް ގަދަވިއެވެ.
މިދިޔައަހަރުގެ ކުރީކޮޅު ޝާހީ އާއިލާގެ މެންބަރުކަމުން ވަގުތީގޮތުން ވަކިވެ، ހެރީއާއި މޭގަން ވަނީ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރައްވާފައެވެ. އެއާއެކު އެ ނިންމުން ދާއިމީކުރިކަން އިއުލާނުކުރީ މިއަހަރުގައެވެ.
ދާދިފަހުން ހެރީއާއި މޭގަން ވަނީ އޯޕްރާ ވިންފްރީ އަށް ހާޢްސަ އިންޓަވިއުއެއް ދީފައެވެ. މިއީ ހެރީ އާއި މޭގަން ޝާހީ އާއިލާގެ މެންބަރުކަމުން ވަކިވުމަށް ފަހު ދިން ފުރަތަމަ އިންޓަވިއު އަށް ވާއިރު، މި އިންޓަވިއުގައި ވަނީ ޝާހީ އާއިލާއަށް އަމާޒުވާ ގޮތަށްް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ދަރިފުޅު އާޗީ އާ ދޭތެރޭ ބެހެއްޓި ތަފާތުކުރުންތަކުގެ އިތުރަށް، އޭނާއަށް ބަނޑުބޮޑުވި ދުވަސްވަރު ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވެ، އަމިއްލަ ފުރާނައަށް ނުރައްކާކުރުމުގެ އިހުސާސްތައް ކުރުވެނު ކަމަށާއި އަދި އެކަންކަމަށް ޝާހީ އާއިލާގެ ފަރާތުން އެއްވެސް ވަރެއްގެ އަޅާލުމެއް ލިބިފައިނުވާ ކަމަށް ވެސް މޭގަން ބުނެފައިވެ އެވެ.
އަދި އާއިލާގެ މެންބަރުކަމުން ވަގުތީ ގޮތުން ވަކިވި ހިސާބުން ވެސް މާލީ ގޮތުން ދެމުން ދިޔަ އެހީތެރިކަން އެއްކޮށް ހުއްޓާލި ކަމަށާއި ހެރީގެ ބައްޕަ އަދި ޕްރިންސް ޗާލްސް، ފޯނު ނެގުންވެސް ހުއްޓާލި ކަމަށް ހެރީ ވަނީ ބުނެފަ އެވެ.
އެމެރިކާގެ ފުރަތަމަ އެފްރިކަން އެމެރިކަން ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލްއަކީ ހެރީއާއި މޭގަންއާ ގާތް ރަހުމަތްތެރި ދެބޭފުޅުންނެވެ. މީގެކުރިން އެހެން އިންޓަވިއުއެއްގައިވެސް މިޝޭލް ވަނީ ހެރީއާއި މޭގަންގެ ދިރިއުޅުމަށް އިޝާރާތްކުރައްވާ އާޢިލާގެ މުހިންމުކަން އިސްކުރައްވާ އެ މައްސަލަތައް ކޮންމެވެސް އިރަކުން ހައްލުކުރެއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.