އިދިކޮޅު ޕީޕީއެމް، ޕީއެންސީ އިން މާލޭގައި އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ހަތް މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ހަތް މީހުން ވެސް ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން، ޖޫރިމަނާ ކުރުމަށް ފަހު ކަމަށެވެ.

އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި މުހައްމަދު ޝަހިދު ހިމެނޭ ކަމަށް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން މާލޭގައި ކުރާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރާ މީހުން ދޫކޮށްލަނީ ޖޫރިމަނާ ކުރުމަށް ފަހު އެވެ.

އިދިކޮޅުން ސިލްސިލާކޮށް މުޒާހަރާ ކުރަނީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްގަޔޫމު ހައްޔަރުކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ، އެ މަނިކުފާނު ދޫކޮށްލުމަށް އެދި ގޮވާލުމާއި ޕީޕީއެމް ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި އެޅި 7،000 ފްލެޓް ދޫކުރުމަށް ކުރިން ނެރެފައިވާ ލިސްޓަށް އުނި އިތުރު ގެނެސް ބަޔަކު ޑިސްކޮލިފައި ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ އަޑު އުފުލުމަށެވެ.

މާލޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މާލޭގެ މަގުމައްޗަށް އެއްވުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ތަކުރާރުކޮށް ހިލާފުވެގެންް ޕީޕީއެމް އާއި ޕީއެންސީ ވަނީ ޖުމްލަ 50،000 ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.