16 Mar 2021, 21:17
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިިދިޔަ އަހަރު 961 މައްސަލަ ބަލާ ނިންމި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން އާންމު ކުރި 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ.
މިދިޔަ އަހަރު ނިންމި 961 މައްސަލަ އަކީ އޭގެ ކުރީ 2019 ވަނަ އަހަރާ އަޅާބަލާއިރު 35 ޕަސެންޓު އިތުރު އަދަދެއް ކަމަށް އޭސީސީ އިން ބުންޏެވެ.
މިދިޔަ 2020 ވަނަ އަހަރު ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައި ވާކަމަށާއި މިއީ ފާއިތުވި ތިންއަހަރުތެރޭ ކޮމިޝަނުން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި އެންމެ ގިނައަދު ކަމަށް އޭސީސީ އިން ބުންޏެވެ.
ޕީޖީ އަށް ފޮނުވި މައްސަލަ ތަކުގެ ތެރޭގައި، ތަހުގީގީ އެހެން އިދާރާތަކާ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ދައިވާ ކުރުމަށް ފޮނުވި ހަތަރު މައްސަލައެއް ހިމެނޭ ކަމަށާއި ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.
ތަހުގީގާއި ދިރާސާ ކަރުދާސްތަކަށްފަހު އިދާރާތަކަށް އިސްލާހުކުރުމަށް 341 އެންގުމެއް މިދިޔަ އަހަރު އޭސީސީ އިން އެންގި ކަމަށާއި ޖުމްލަ 29.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އެންގި ކަމަށް ބުނެފައި ވެއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2020 ވަނަ އަހަރު އެ ކޮމިޝަނުން ވނަީ 82 މައްސަލައެއް ކޮމިޝަނުން އިސްނަގައިގެން ބަލަން ނިންމައިފައެވެ. އަދި ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 856 މައްސަލައަކާއެކު، ޖުމްލަ 938 މައްސަލަ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ދަށުން، 2020 ވަނަ އަހަރުގެ ހޭލުންތެރިކުރުމުގެ 41 ސެޝަނެއްގައި 1442 މީހަކަށް މައުލޫމާތު ދިން ކަމަށާއި ރިސްކް އެސެސްމެންޓް/ހުދު ކަރުދާސް އަދި ގައިޑްލައިން ގެ މަސައްކަތްތަކުގެ ތެރެއިން ހަ ކަރުދާހެއްގެ މަސައްކަތްކޮށް ތިން ކަރުދާހެއް ޝާއިއު ކުރި ކަމަށް ވެސްއެ ރިޕޯޓުގައި ވަނީ ބުނެފައެވެ.