ސިވިލް ސާވިސް ގަވާއިދާ ހިލާފަށް އެޑިއުކޭޝަން މިނިސްޓްރީ އިން ޓީޗަރުންނަށް ބޯނަސް ފައިސާގެ ގޮތުގައި 12.3 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2009 ވަނަ އަހަރުގެ ފުރަތަމަ ޓާމުގެ ބޯނަސްގެ ގޮތުގައި 213 ސްކޫލެއްގެ 2163 ޓީޗަރުންނަށް 12،330،741ރ. ދީފައި ވަނީ ފެބްރުއަރީ 1، 2009ގައި ސިވިލް ސާވިސް ކޮމިޝަނުން އަލަށް އެކުލަވާލި ގަވާއިދާ ހިލާފަށް ކަމަށެވެ. އެގަވައިދުގެ ދަށުން ޓީޗަރުންނަށް ބޯނަސް ފައިސާ ކަނޑައަޅާފައެއް ނުވެ އެވެ.

އެ ފައިސާއަކީ އެޑިއުކޭޝަންގެ ބަޖެޓްގައި ހިމެނިފައިވާ ފައިސާއަކަށް ނުވުމާ އެކު އެ ފައިސާ ދީފައި ވަނީ މިނިސްޓްރީގެ ބަޖެޓްގައި މުސާރަ ކޯޑުން އެހެނިހެން އިނާޔަތްތަކުގެ ކޯޑަށް ފައިސާ ބަދަލުކޮށްގެން ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ބައެއް ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ އާއި އެލަވަންސް ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ދީފައިވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން 2010 ވަނަ އަހަރު ދިގު މުއްދަތަކަށް ކޯހަކަށް ދިއުމަށް ޓަކައި ވަޒީފާ އިން ވަކިވެފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސުޕަވައިޒަރެއްގެ މަގާމުގައި ހުރި މުވައްޒަފެއްގެ އެކައުންޓަށް 48،607ރ. މުސާރަ އާއި އެލަވަންސްގެ ގޮތުގައި ޖަމާކޮށްދީފައިވާ އިރު އެމުވައްޒަފުގެ އަތުން އެ ފައިސާ އަނބުރާ ހޯދާފައިނުވާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމުގައި އިހުމާލުވެފައިވާ އެމިނިސްޓްރީގެ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު އަޅާފައި ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ސ. ފޭދޫގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 394،644ރ. ދީފައިވާ ކަމަށާއި އެ ފައިސާ އިތުރަށް ދީފައި ވަނީ އިތުރު ގަޑީގައި ފައިސާ ދިނުމާ ބެހޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނުން އަލަށް އެކުލަވާލާފައިވާ ގަވާއިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

މީގެ އިރުރުން މުސާރަ އާއި އިނާޔަތުގެ ފައިސާގެ ގޮތުގައި 46،551ރ. އިތުރަށް ދީފައިވާ އިރު އޭގެތެރޭގައި ހާޒިރުނުވާ ދުވަސްތަކަށް މުސާރަ އާއި އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ ވެސް ބައެއް މުވައްޒަފުންނަށް އިތުރަށް ދީފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެޑިއުކޭޝާން މިނިސްޓްރީ އިން ގާނޫނާއި ގަވާއިދާ ހިލާފަށްކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ އެރިޕޯޓްގައި ހިމެނޭ އެހެން ބައެއް ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީން ހުޅުވާލާ އެކިއެކި ބީލަންތައް ވަޒަން ކުރުމުގައި ވެސް ގަވާއިދާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން 2010 ވަނަ އަހަރު ބިދޭސީން ޓީޗަރުން ރެކްރޫޓް ކުރުމުގެ މަސައްކަތް ބީލަން އުސޫލުން އިންޑިޔާ އާއި ރާއްޖޭގެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ އިރު އެބީލަންތައް ވަޒަންކުރުމުގައި ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިސް ވެރިއެއްގެ އަމިއްލަ މަސްލަހަތު އޮތް ކަމަށް ބުނެފައިވެ އެވެ. އަދި އިންޑިޔާގެ ކުންފުނީގެ ލޯކަލް އެޖެންޓްއެއް ކަމުގައި ހަމަޖައްސާފައި ވަނީ ވެސް ކުރިން ފާހަގަކޮށްފައިވާ އެމިނިސްޓްރީގެ އިސްބޭފުޅެއްގެ އެއްބަޑު އެއްބަފާ ކޮއްކޮ އާއި ކޮއްކޮގެ އަންހެނުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ކަމަށް ވެސް އެރިޕޯޓް ބުނެ އެވެ. އެކުންފުނިން އޮޅުވާލައިގެން މިނިސްޓްރީން 80،000ރ. އަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތްކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު މައްސަލައެއްގެ ތެރޭގައި ސ. ފޭދޫ ސްކޫލްގެ 2010 ވަނަ އަހަރު ދަތުރުފަތުރުގެ ހަރަދަށް 120،066ރ. ހަރަދުކޮށްފައިވާ މައްސަލަ ވެސް ފާހަގަކޮށްލެވެ އެވެ. އެރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ސްކޫލުން އެއްގަމު ދަތުރަށް ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 57،670ރ. ހަރަދުކޮށްފައި ވަނީ އެންމެ ފަރާތަކުން ހުށަހަޅާ ބިލްތަކަށެވެ. އަދި ހުށަހަޅާފައިވާ ބައެއް ބިލްތަކުގައިވާ އަދަދުތަކަށާއި ލިޔުންތަކަށް ބަދަލުގެނެސްފައި ވާތީ އެކަމުގައި ހިޔާނާތް އެކުލެވޭކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.