16 Mar 2021, 21:09
ބަނޑަށް 22 ފަހްތާ ހަމަނުވާ އަދި ވިހާއިރު 500 ގްރާމު ހަމަނުވާ ނަމަ ސިއްހީ ގޮތުން ރިއާޔަތްކުރަން ޖެހޭ ކަންތަކަށް ރިއާޔަތް ކުރުމަށްފަހު އެ އުމުރުގައި ވިހާ ކުދިންގެ ނުވަތަ ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލުތަކުން ކުރާ ކަމެެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުގައި ދުވަސްނުފުރާ ވިހެއި ކުޑަކުއްޖަކު މަރުވަންދެން ފަރުވާ ނުދީ ބޭއްވި ކަމަށް ބުނެ އެ ކުއްޖާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށް މީޑިއާގައި ވާހަކަ ދައްކާފައިވަނިކޮށް އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިރޭ ވަނީ ބަޔާނެއް ނެރިފަ އެވެ.
އެ ބަޔާނުގައި ބުނީ ބަނޑަށް 22 ހަފްތާ ވުމުގެ ކުރިން، 12 ވަނަ ހަފްތާ އިން ފެށިގެންވެސް ކުއްޖާގެ ވިންދު ހުންނާނެ ކަމަށާއި ކުއްޖާގެ ވިންދު ހުރިނަމަވެސް އެގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް އެ އުމުރުގައި ފުރާނަ ދެމެހެއްޓޭ ވަަރަށް ތަރައްގީ ނުވާނެ ކަމަށާއި ސިއްހީ ގޮތުން ރިއާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް ރިއާޔަތް ކުުރުމަށްފަހު އެ އުމުރުގައި ވިހާ ކުއްޖެއްގެ އަދި ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަކީ ހޮސްޕިޓަލުތަކުގައި ކުރާ ކަމެއް ނޫން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ 22 ހަފްތާ ހަމަނުވާ އަދި ބަރުދަނުގައި 500 ގްރާމު ހަމަނުވާ ނަމަ އެއީ "ވަޔަބަލް ފީޓަސް އެއް ނޫން" ކަމަށެވެ.
އެފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ ކުއްޖާ ވިހާއިރު ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ބޭއްވުން ކަމަށެވެ.
"މި މަންޒަރަކީ އާއިލާއަށާއި އެހެނިހެން ފަރާތްތަކަށް ވެސް ތަހައްމަލު ކުރަން ދަތި މަންޒަރެއްކަން ގަބޫލު ކުރަމަވެ" އަޖީއެމްއެޗުގެ ބަޔާނުގައު ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިޔުމުގެ ގޮތުގައި ކަމަށެވެ. އެގޮތަށް އެކި ގައުމުތަކުގައި ބަލަނީ އެކި މިންގަނޑުތަކަށް ކަމަށާއި އައިޖީއެމްއެޗުގައި ބައިގެންދިޔުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަނެއްގެ ގޮތުގައި ބަލަނީ ބަނޑަށް 22 ހަފްތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެ ނަމަ ނުވަތަ ވިހައިފި ނަމަ ކަމަށެވެ.
ހޮނިހިރު ދުވަހުގެ ރޭ ދުވަސް ނުފުރާ ވިހެއި ކުއްޖާއަށް ފަރުވާ ނުދީ ބޭއްވުމުގެ ސަބަބުން، ފަތިހު 3:26 ގައި އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ ކުއްޖާގެ ބޮޑު ބޭބެ ކިޔާ މީހަކު "ސަން"އަށް މައުލޫމާތު ދީފައި ވެއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ކޮންމެ ފުރާނައަކީވެސް އަގުހުރި، ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި ސިއްހީ ފަރުވާ އަކީ އިލާހީ ގާނޫނުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން ހޯދިފައިވާ ހޯދުންތަކާއި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިމްލުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ކޮންމެ ފުރާނައެއް ސަލާމަތް ކުރުމަށް ފަރުވާއެއް ދެވެން އޮތްނަމަ އެކަން ހޮސްޕިޓަލުން ކުރާނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުގެ ބަޔާނުގައި ބުންޏެވެ.
ކުޑަކުއްޖާ މަރުވުމުގއި ހޮސްޕިޓަލުގެ އިހުމާލު އޮތްކަމަސް އާއިލާ އިން ތުހުމަތު ކޮށްފައިވާއިރު އެކަމާ ގުޅިގެން އެ ބަޔާނުގައި ބުނީ ވަކި ބަލިމީހެއްގެ ކޭސްއަކާ ބެހޭ ހާއްސަ މައުލޫމާތަކީ އިންވަނަ ފަރާތަކާ ހިއްސާކުރުން ގާނޫނީ ގޮތުން މަނާ ކަންތައް ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަދި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފްސީލު ހާމަކުރުމަކީ ނުވަތަ ކަންވީގޮތް ބަޔާން ކުރުމަކީ ގާނޫނީ ގޮތުން ހޮސްޕިޓަލަށް ކުރެވެނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އަދި ބުނީ ބަލިމީހާގެ ހާލަތާއި ކުރިއަށް ކުރިމަތިވެދާނެ ކަންތައްތަކާއި އެކަމަށްއެއްވެސް ފަރުވާއެއްދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމަކީ ސީދާ ބަލިމީހާ އަށާއި ބަލިމީހަގެ ބެލެނިވެރިޔާ އަށް ހިއްސާ ކުރާ މައުލޫމާތު ކަމަށެވެ. އެ މައުލޫމާތު ހޮސްޕިޓަލަށް އަންނަ އާއިލާގެ އެހެން މެންބަރުންނަށް ހޮސްޕިޓަލުގެ ފަރާތުން ކިޔައިދިނުމަކީ ސިއްހީގޮތުން އަމަލުކުރާ މިންގަނޑިތަކާ، އެކަށީގެންވާ ހަމަތަކުގެ މަތިން އަމަލީ ގޮތުންވެސް ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަަމަށެވެ.
އެފަަދަ ހާލަތްތަކުގައި ހޮސްޕިޓަލުގެ ތެރެއަށް ވަދެ، ހިދުމަތްދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އެހެން މުވައްޒަފުންނަށް ބިރުދައްކައި މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި، ސޯޝަލް މީޑިއާގައި ިއާންމު ކުރުމަކީ ހޮސްޕިޓަލުން ހިތާމަކުރާ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކުރާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މީގެ އިތުރުން ސްޕޮންޓޭނިއަސް އެބޯޝަންތަކާއި ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށްފަހު ދަރިފުޅު ނުވަތަ މައިމީހާ ނިޔާވާ ކޮންމެ މައްސަލައެއްވެސް ވަކި މައްސަލައެއްގެ ގޮތުގައި ހޮސްޕިޓަލުން ތަހުގީގު ކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެކަންކަމާ ގުޅިގެން ރަނގަޅު ކުރަން ކަމެއް އޮތްތޯ ބަލާކަމަށް އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުންޏެވެ.