އުތުރު ތިލަފަޅުގައި ބޭރުގެ ހަތިޔާރު އެޅި ސިފައިން ނުތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ އާއެކު މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޑޮކިޔުމެންޓާ ގުޅޭ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ އިންޑިއާ އާއެކު ސޮއިކުރި އެގްރިމެންޓުގައި އަސްކަރީ ބަޔަކު ތިބޭނެ ކަމަށް ނޯންނާނެ ކަމަށެވެ.

"މިހާރު ފެތުރެމުންދާ އަސްލެއް ނެތް ލިޔުމުގައި އެބައޮތް އަސްކަރީ ބަޔަކު ތިބޭ ވަހަކަ އާއި ހަތިޔާރު އަޅައިގެން ތިބޭ ބަޔަކު ތިބޭ ވަހަކަ. އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން އަޅުގަނޑު ފާހަގަކޮށްލަން. ސޮއިކުރެވިފައި އޮތް އެގްރިމެންޓުގައި އަސްކަރީ ބަޔަކު ތިބޭނެ ކަމަކަށް ނޯންނާނެ. ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެތަނުގައި އޮޕަރޭޓު ކުރާނެ ވާހަކަ އެއްވެސް ނޯންނާނެ،" ޝަމާލް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް މޭޖާ ވީ ޖެނެރަލް ޝަމާލް ވިދާޅުވީ އުތުރު ތިލަފުޅުގައި ބަނދަރަކާއި ޑޮކްޔާޑެއް އަދި ގުޅިގެން އެހެން ހިދުމަތްތައް ގާއިމް ކުރުމަށް 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކަމުގެ މުހިއްމުކަމާއި އެކަން ކުރެވިއްޖެ ނަމަ ކޯސްޓުގާޑަށާއި އެމްއެންޑީއެފް އަށް ލިބޭނެ ކުރިއެރުން ފާހަގަ ކުރެވި ގިނަ މަަސައްކަތްތަކެއް ކުރެވެމުން ދިޔައީ،" ޝަމާލް ވިދާޅުވި އެވެ.

ޗީފް ވިދާޅުވީ ޔޫޓީއެފް އެގްރިމެންޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ލިޔުމަކީ އެތަނުގައި ފެސިލިޓީއެއް ގާއިމް ކުރުމަށް މީގެ ކުރިން ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަތަކަށް ބަދަލު ގެނެސް، އެއްވެސް ވަރަކަށް ހަގީގަތެއް އަދި އަސާސެއް ނެތް ގޮތަކަށް އެކުލަވާލާފައިވާ ލިޔުމެއް ކަމަށެވެ.

ފެބްރުއަރީ 21ގައި ސޮއިކުރި އެ އެގްރިމެންޓަކީ އެމްއެންޑީއެފްގެ ޖެނެރަލުންގެ މެދުގައި މަޝްވަރާ ކުރެވިގެން އެކި މަރުހަލާތަކުގައި ވާހަކަ ދެކެވި، އެބޭފުޅުންގެ ހިޔާލާއި ވިސްނުން ވެސް އޭގެ ތެރެއަށް ލެވިގެން ތައްޔާރު ކުރެވުނު އެގްރިމެންޓެއް ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ހަގީގަތެއް އަސްލެއް ނެތް، ބޭސްލެސް[އަސްލެއް ނެތް، އެލިގޭޝަންސް [ތުހުމަތުތައް] ބައެއް ފަރާތްތަކުން މި ގެންދަވަނީ ސޯޝަލް މީޑިއާ ސެންޝޭޝަނަލައިޒް ކުރުމަށް ފަތުރަމުން،" މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކަންކަމާ ގުޅޭގޮތުން ދޮގު ހަބަރު ނުފެތުރުމަށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފަ އެވެ.

"މިފަދަ ކަންކަން ކުރާނަމަ [ހަގީގަތެއް ނެތް ވާހަކަ ފަތުރާނަމަ] ޖެހޭނީ ހުރިހާ އޮޕްޝަންސް އެކްސްޕްލޯ ކުރަން އެކަންކަން ހުއްޓަން އެޅޭނެ ފިޔަވަޅުތައް ބަލަން،" ޝަމާލް ވިދާޅުވި އެވެ.

އަމިއްލަ ބޭނުމެއް ހާސިލް ކުރުމަށް ގައުމީ ދިފާއީ ބާރުގެ އެތައް އަހަރެއްގެ ޑެކަރޭޓޭޑް ސާވިސްއާ އެކު މަސައްކަތް ކުރާ އޮފިސަރުންނަށް ހަގީގަތެއް ނެތް ތުހުމަތުތައް ކުރާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ޗީފް އޮފް ޑިފެންސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ގާއިމްކުރާ ފެސިލިޓި އަކީ 100 ޕަސެންޓު ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަން އޮޕަރޭޓު ކުރާނީ ވެސް ގައުމީ ދިފާއީ ބާރުން ކަމަށް ޝަމާލް ވިދާޅުވި އެވެ.

"އެތަނަށް ބޭރުގެ ފަންނީ، ޓެކްނިކަލް މީހަކަށް ވެސް ދެވޭނީ ދިވެހި ދައުލަތުގެ ހުއްދަ އާއެކު ދިވެހި ދައުލަތުން ކަނޑައަޅާ މުއްދަތަކަށް،" ޝަމާލް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައިޒަމާނީ، ނޭވަލް ބަނދަރަކާއިި އެތަނަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.