16 Mar 2021, 17:18
އުތުރު ތިލަފަޅުގައި ޑޮކްޔާޑު ގާއިމް ކުރުމަށް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ބޭނުން އިރަކު އުވާލެވޭނެ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އެ އެއްބަސްވުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ޖަވާބު ދިނުމަށް މިއަދު އަސްކަރިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ އެ އެގްރިމެންޓު ދިވެހި ދައުލަތުން ބޭނުން ވެއްޖެނަމަ އުވާލެވޭނެ ކަމަށެވެ.
"ދިވެހި ދައުލަތުން، އަދި ދެ ޕާޓީ އިން ކުރެއް އެއްޕާޓީ އަކުން، އަޅުގަނޑަށް އެހެން ޕާޓީ އެއްގެ ނިސްބަތަކުން [ވާހަކަ ނުބުނެވެނެ]. އެހެން ނަމަވެސް ދިވެހި ދައުލަތުން ބޭނުންވެއްޖެ ނަމަ އެގްރިމެންޓު އުވާލެވޭނެ،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ޝަމާލް އިތުރަށް ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް މާއްދާއެއް ނުހިމެނޭނެ ކަމަށެވެ.
"އަދިވެސް ދޭން ބޭނުންވާ މެސެޖެއް އެބައޮތް. އެއީ ގައުމީ ދިފާއީ ބާރުން ބޭނުވާ ތަނެއް މިތަނަކީ .އަޅުގަނޑުމެން ސަރުކާރަށްވެސް މި ޕުޝް ކުރަނީ މިކަން ކޮށްދެއްވަން،" ޝަމާލް ވިދާޅުވިއެވެ.
މިއީ ކޯސްޓްގާޑުގެ އޮޕަރޭޝަނަށް ގައުމީ ދިފާއީ ބާރުގެ ޒިންމާ އަދާކުރުމަށް ކޮންމެހެން މުހިއްމު ވަސީލަތެއް ކަމަށެވެ.
އެތަން އޮޕަރޭޓު ކުރާނީ ދިވެހި ދައުލަތުން ކަމަށް ޝަމާލް ވިދާޅުވިއެވެ.
"މިތަން އޮޕަރޭޓު ކުރަނީވެސް ދިވެހި ދައުލަތުން. އެހެން ބަޔަކު އޮޕަރޭޓު ކުރާ ތަނެއް ނޫން މިތަނަކީ. މިތަނުގެ މިލްކިއްޔާތުވެސް މިއޮތީ ދިވެހި ދައުލަތުގެ. އަދި މިތަނަށް އަންނަ ފަންނީ މާހިރަކުވެސް މި އަންނަނީ ދިވެހި ދައުލަތުން ހުއްދަ ދީގެން ދިވެހި ދައުލަތުން ހުއްދަ ކުރާ މުއްދަތަކަށް،" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މި ފާއިތުވި ދެ ދުވަހު ދައުރުވަމުން ދިޔަ ލިޔުމަކީ ހަގީގަތެއް ނެތް ލިޔުމެއް ކަމަށް އެމްއެންޑީއެފްގެ ލީޑާޝިޕުން މިއަދު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެ ލިޔުން ލީކް ކޮށްލެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެއީ އެގްރީމެންޓްގެ ޑްރާފްޓެއް ކަމަށެވެ.