16 Mar 2021, 16:57
ބެއިޖިން (މާޗް 16): ޗައިނާގެ ވެރިރަށް ބެއިޖިން އާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކަށް ވެއްޔާއެކު ހިރަފުހުގެ ތޫފާނެއް އަރައިފިއެވެ.
މޫސުމާ ބެހޭ ޗައިނާގެ އިދާރާ ބުނާގޮތުން ވެއްޔާއެކު ހިރަފުހުގެ މިތޫފާން އައިސްފައިވަނީ އަވަށްޓެރި މޮންގޯލިއާ އާއި ޗައިނާގެ ހުޅަނގު އުތުރުގެ ހަނަފަސް ސަރަހައްދުތަކަށް ޖެހެމުންދާ ބާރުގަދަ ވަޔާއެކުގައެވެ. ވެއްޔާއެކު އައި ބޯ ހިރަފުހުގެ ތޫފާނުގައި ބެއިޖީންގްގެ ޖައްވު ވަނީ ރީނދޫވެ އިންތިހާއަށް ތަޣައްޔަރުވެފައެވެ. ހިރަފުހާއި ވެލީގެ ތޫފާން ފެންނަނީ ރީނދޫކުލައިގެ ބޯ ދުންގަނޑެއްގެ ގޮތުގައެވެ. މި ތޫފާނާއެކު ބެއިޖިން އަށްވަނީ ވާރޭވެސްވަނީ ވެހިފައެވެ.

ބެއިޖިންގް ހިރަފުހުގެ ތޫފާންގައި
ޗައިނާގެ މީޑިއާ ބުނާގޮތުން ޖައްވުގައި ވެއްޔާއި ހިރަފުސް ގިނަވެ ވަޔާއެކުވުމުން ދުރު ފެންނަ ނިސްބަތް އުޅެނީ 300 މީޓަރާއި 800 މީޓަރާ ދެމެދުގައެވެ. މޫސުމާ ބެހޭ ޗައިނާގެ އިދާރާއިންވަނީ މިތޫފާނާ ގުޅިގެން ޔެލޯ އެލާޓް ނެރެފައެވެ. އަދި އެއްދުވަސްވަންދެން އިމާރާތްތަކުން ބޭރަށް ނުކުމެ ނޫޅުމަށް އެއިދާރާއިންވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ނޭވާލުމުގެ ނިޒާމުގައި މައްސަލަ އުޅޭމީހުންނާއި ނޭވާ ހިއްލާ މީހުންނާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލްކުރާމީހުން ބެއިޖިން އާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުގައި ބޭރަށް ނިކުމެ ނޫޅުމަށް ޗައިނާގެ ސިއްހަތާބެހޭ އިދާރާތަކުންވަނީ ގޮވާލައި ބަޔާންތައް ނެރެފައެވެ.

ބެއިޖިންގް ހިރަފުހުގެ ތޫފާންގައި
ވެއްޔާއި ހިރަފުހުން ސަލާމަތްވުމަށްޓަކައި އިއްޔެއާއި މިއަދު ބެއިޖިންގެ މަގުތަކުން ހިނގާ މީހުންނާއި ވެހިކަލްތައް ދުއްވާމީހުން ފެންނަނީ ގޮގްލްއާއި މާސްކް އަޅައިގެން އުޅޭތަނެވެ.
ކޮންމެ އަހަރެއްގެވެސް ފިނި މޫސުން ނިމި ރަބީއު މޫސުން ފެށުމާއެކު ވެއްޔާއި ހިރަފުހުގެ ތޫފާންތައް ބެއިޖިންގް އާއި ޗައިނާގެ އެކި ސިޓީތަކަށް އަރައެވެ. މި ތޫފާންތައް އުފެދޭކަމަށްވަނީ ފިނި މޫސުން ނިމި ބިންގަނޑު ހޫނުވާން ފެށުމާއެކު ހަނަފަސް ބިންތަކުގައި އުފެދޭ އެނބުރޭ ރޯޅިތަކާއި ބާރުގަދަ ވައިގެ ސަބަބުންނެވެ. ޗައިނާގެ ހުޅަނގު އުތުރުގައި ހަނަފަސް ބިންތަކުގެ ސަރަހައްދުތައް ވަރަށް ބޮޑެވެ. އަދި ޗައިނާގެ އުތުރުގައިވާ އެގައުމުގެ އަވަށްޓެރި މޮންގޯލިއާ ގެ ބޮޑު ބަޔަކީވެސް ހަނަފަސް ބިމެވެ. (ނޫސްއެޖެންސީތައް)