ސްރީނަގަރު (މާޗް 16): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ފާއިތުވި ދެ އަހަރު ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައި އޮތުމުން ގޭގައި ތިބެގެން ކިޔަވަން މަޖުބޫރުވި ދަރިވަރުންނަށް އަލުން ސްކޫލްތައް ހުޅުވާލައިފި އެވެ.

އިންޑިއާއިން 2019 ވަނަ އަހަރު ކަޝްމީރު ބަންދު ކުރީ އެ ސަރަހައްދަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އެ އަހަރުގެ އޮގަސްޓު މަހު އުވާލުމަށް ފަހު އެވެ. އޭގެ ސަބަބުން ސްކޫލްތައް ބަންދުކޮށް، ދަރިވަރުން ގޭގައި ކިޔަވަން އަންގާފައިވާ އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު އެ ސަރަހައްދު ފުރަބަންދު ކޮށް، ސްކޫލްތައް ބަންދުކޮށްފައި އޮންނަ މުއްދަތު އިތުރު ކުރި އެވެ.

ކަޝްމީރުގައި ސްކޫލްތައް ހުޅުވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ. އެގޮތުން ސްކޫލަށް ދާ ކުދިންގެ ހުން ހުރިތޯ ބަލާ، ގައިދުރުކަން ދަމަހައްޓާ، މާސްކު އަޅަން އަންގާފައިވެ އެވެ. އަދި ސްކޫލަށް ގެންދަނީ އެކަމަށް ހުއްދަ ދޭ ސެޓުފިކެޓެއްގައި ސޮއިކޮށްފައިވާ ބެލެނިވެރިންގެ ކުދިންނެވެ.

"އަޅުގަނޑުމެންގެ ދަރިވަރުންނަށް ވަނީ 2019 އާއި 2020ގައި ސްކޫލަށް ދިޔުމުގެ ފުރުސަތު ގެއްލިފައި. ފާއިތުވި ދެ އަހަރުގައި ސްކޫލްތައް ހުޅުވާފައި ވަނީ ވަރަށް މަދުން - ފުރަތަމަ (ކަޝްމީރުގެ ހާއްސަ އިމްތިޔާޒުތައް އުވާލުމުން) ދިމާވި ހާލަތާ ގުޅިގެން ދެން 2020ގައި ބަލިމަޑުކަމާ ހެދި،" ޖައްމޫ އެންޑް ކަޝްމީރުގައި އޮންނަ ސްރީނަގަރުގެ ޕްރައިމަރީ ސްކޫލް ޓީޗަރެއް ކަމަށްވާ ސާގިބް އަހުމަދު ވިދާޅުވި އެވެ.

އިންޑިއާއިން ވަނީ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ. އެ ނިންމުމަށް ފަހު ކަޝްމީރުގައި ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ކަމަށް ބުނެ އިންޑިއާއިން އެ ސަރަހައްދުގައި ފޯނާއި އިންޓަނެޓުގެ ހިދުމަތަށް ހުރަސް އެޅި އެވެ. އޭގެ ސަބަބުން އޮންލައިންކޮށް ކިޔެވުމަށްވެސް ހުރަސް އެޅުނެވެ.

ޖައްމޫ އެންޑް ކަޝްމީރުގައި ސްކޫލްތައް ހުޅުވާފައި ވަނީ އެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ފަހުންނެވެ. އެ ސަރަހައްދުން މިހާތަނަށް ގާތްގަނޑަކަށް 125،000 މީހުންނަށް ބަލި ޖެހިފައިވާ އިރު، މިވަގުތު ބަލިޖެހިފައި ތިބީ 900 މީހުންނެވެ.

ޖައްމޫ އެންޑް ކަޝްމީރުން ކޮވިޑް ޖެހިގެން 1،950އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.