ތޭވީސް ޑިސެމްބަރުގެ ބޮޑު މުޒާހަރާ ކުރި ދުވަހު ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ވަގަށް ނެގި ދަމާސްގެ ތިޖޫރި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ދަމާސްއިން ވަގަށް ނެގި ދެ ތިޖޫރި ފެނިފައި ވަނީ މޫދަށް އެއްލާފައި އޮއްވާ ކަމަށެވެ.

ދެ ތިޖޫރި ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ހަތް މީހެއްގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި، ތަހުގީގު ނިމުމުން އެމީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާރު ފުލުހުންގެ ހައްޔަރުގައި ވަނީ އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި، ލ. ދަނބިދޫ ފިނިވާގޭ ޝަމީމް ޙަސަން (ފޮޓޯ) ކަމަށާއި އޭނާގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާއަކީ ކުރިން ވެސް ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.